އޭވިއޭޝަން ދާއިރާ ތަރައްޤީ ކުރުމުގެ މަޝްވަރާތައް ކުރެވުނު ކަމަށާއި ސިންގަޕޫރާއި ތައިލެންޑާ އެކު ކުރެވުނު މަޝްވަރާތަކަށް ބިނާކޮށް، އެމްއޯޔޫއެއްގައި ސޮއިކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ބުދަ ދުވަހުގެ ރޭ ދެއްވި އިންޓަވިއުއެއްގައި ނަހުލާ ވިދާޅުވީ ތައިލެންޑަށާއި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އޭވިއޭޝަން ދާއިރާ ތަރައްޤީކޮށް ތައިލެންޑް ސަރުކާރުން ފޯރުކޮށްދެވޭނެ އެހީގެ މައްޗަށް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެ ޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ރީޖަނަލް ޑައިރެކްޓަރގެ އަރިހުން ޓްރެއިންގ ފެސިލިޓީތައް ފޯރުކޮށްދިނުމާށާއި ކޮންސަލްޓުން ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
"ތައިލެންޑްގެ ޓްރާންސްޕޯޓް މިނިސްޓަރާއި އެތަނުގެ ރީޖަނަލް ޑައިރެކްޓަރާ ބައްދަލުކުރިން. އެގޮތުން ދެއްކި ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ޓްރެއިނިންގ ފެސިޓިލީޒްއާ، އަޅުގަނޑުމެންނަށް ކޮންސަލްޓަންޓުން ދެއްވުމާއި އެބޭފުޅުންގެ ފަރާތުން ކުރެވެން ހުރި ކަންތައްތަކަށް އެ ބޭފުޅުން އެއްބަސްވި އަދި އަޅުގަނޑުމެން މި ދަނީ އެމްއޯޔޫއެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަމުން. ސިންގަޕޫރުގެ ޓްރާންސްޕޯޓް ކަންތައްތައް ހުރި ނެތް ގޮތް ބަލާ، ވުޒާރާތަކަށް ޒިޔާރަތްކޮށް، އެ ފަރާތުން ދެވޭނެ އެއްބާރުލުމަކީ ކޮބައިތޯ ބަލާ ވާހަކަ ދެކެވިފައިވަނީ. މުސްތަޤްބަލުގައި އަޅުގަނޑުމެން ބަލަނީ ދެ ޤައުމާ އެކު އެމްއޯޔޫއެއްގައި ސޮއިކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ތައިލެންޑްގެ ބެންގްކޮކްގައި ހުންނަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުގެ އޭޝިއާ ޕެސިފިކް ރީޖަނުގެ ހެޑްކުއާޓަރަށް ނަހުލާ ޒިޔާރަތްކުރެއްވީ މާރޗް 10 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ މިނިސްޓަރަކު އައިކާއޯއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ. އައިކާއޯއަކީ ދުނިޔޭގެ ސިވިލް އޭވިއޭޝަން ދާއިރާ ރެގިއުލޭޓުކުރަމުން އަންނަ، އދ.ގެ ސްޕެޝަލައިޒްޑް އޭޖެންސީއެކެވެ.
މިނިސްޓަރު ނަހުލާ ސިންގަޕޫރަށާއި ތައިލެންޑަށް ކުރެއްވި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 8 ވަނަ ދުވަހުއެވެ.