ސަރުކާރާއެކު އިއްތިހާދު ހަދައިގެން އުޅޭ ބަޔަކަށް އިދިކޮޅު ފަރާތްތަކާ އެކު އިއްތިހާދު ހަދައިގެން ނުތިބެވޭނެ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ފާޑުވިދާޅުވެއްޖެއެވެ.
ސަރުކާރު ކޮލިޝަންގައި ހިމެނޭ ޖޭޕީން, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު، ޕީޕީއެމް/ޕީއެންސީއާ ގުޅިގެން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން، އެކަމަށް ފާޑުވިދާޅުވެ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ޖޭޕީ އޮތީ ސަރުކާރާ އެކުގައިތޯ ސުވާލު އުފެދޭ ކަމަށާއި ކޮންމެ ވެސް އެއް ގޮތެއް ޖޭޕީން ނިންމަންޖެހޭ ކަމަށެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވާހަކަފުޅު ދައްކަވާ ގޮތުން، މަޖިލިސް އިންތިހާބުގައި ޖޭޕީގެ އާންމު މެމްބަރުން ވޯޓު ދޭން ވީ ގޮތް އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.
"ދެ ބަޔަކާ އެކު އިއްތިހާދުވެގެން ނުތިބެވޭނެ. ސަރުކާރަކާ އެކު އިއްތިހާދު ހަދައިގެން އުޅޭ ބަޔަކަށް އިދިކޮޅު ފަރާތްތަކާ އެކު އިއްތިހާދު ހަދައިގެން ނުތިބެވޭނެ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތައް ގޮންޖެހުމަކާ ނުލައި ތަންފީޒު ކޮށްދޭނެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށާއި އެ ޕާޓީގެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށެވެ. އެމްޑީޕީގެ ބައެއް އާންމު މެމްބަރުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާތީ، އެކަމަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ އެ މީހުންނަކީ ޕާޓީ ބަދަލުކުރާ ބައެއް ކަމަށާއި ގޮތް ނޭނގޭ ބަޔަކު އެ މީހުންނަށް ފަންޑު ކުރަމުންދާ ކަމަށް އީވާ ވިދާޅުވިއެވެ.
"އެމްޑީޕީ ޕްރައިމަރީތަކުގައި ބައިވެރިވެގެން އެމްޑީޕީ ޓިކެޓް ލިބިގެން އެމްޑީޕީގެ ނަމުގައި ވާދަ ކުރާ ކެންޑިޑޭޓުންނަކީ އައި ދިމާލައި ދާނޭ ދިމާ ސާފުކޮށް އެނގޭ ކެންޑިޑޭޓުން،" އީވާ ވިދާޅުވިއެވެ.