ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝާ އެހެން ވިދާޅުވީ ހުޅުމާލޭގައި "ރިޓްރީޓް ހުޅުމާލެ" ނަމުގައި ރެސްޓޯރެންޓެއް ހުޅުވި ހަފްލާއެއްގައި "ރާއްޖެއެމްވީ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެކަމަނާ ހުންނަވާނީ ސަރުކާރު ދިފާއު ކުރެއްވުމުގައި ކަމަށެވެ.
"އަބްދުﷲ ޔާމީންގެ ފަރާތުން ނުކުމެފައި ހުރި އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ތާއިދެއް ހަމަގައިމު ވެސް ނޯންނާނެ ވާހަކަ. އަޅުގަނޑު ހުންނާނީ ސަރުކާރާ އެކުގައި ކަން، އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެ މި ކޯލިޝަން ޖޭޕީ ވެސް އޮންނާނީ ހަމަ ޔަގީނުން ވެސް ސަރުކާރާ އެކު،" އައިޝާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ރިޔާސީ ކެމްޕެއިން މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ކެމްޕެއިން ތެރޭގައި ވަރަށް ސާފު ބަހުން، ޔާމީނަށް މައާފު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެތައް ރައްޔިތުންނެއްގެ ކިބައިން ސަލާން ޖަހައި އާދޭސްކޮށްގެން ސަރުކާރު ގެނައީ އަމާންކަމާއި މިނިވަންކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ހޯދައިދިނުމަށް ކަމަށް އައިޝާ ވިދާޅުވިއެވެ.
"ކެމްޕެއިނެއް ނިމިގެންދިޔައިރު ކޮންމެ ވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ކުރަން. ކެމްޕެއިން ތެރޭގައި ވަރަށް ރަނގަޅަށް ވަރަށް ސާފު ބަހުން އަޅުގަނޑު ދެންނެވިން ދުވަހަކު ވެސް ޔާމީނަށް މައާފު ނުކުރާނެ ވާހަކަ،" އައިޝާ ވިދާޅުވިއެވެ.
ޔާމީންގެ ތާއިދާ އެކު މަޖިލިސް އިންތިހާބަށް ނުކުންނަ ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް އައިޝާ ވިދާޅުވެފައި ވަނީ ޖޭޕީ އާއި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ނިންމަވާފައި ވަނިކޮށެވެ.