ރިޔާސީ އިންތިހާބަށް ވުރެ މަޖިލިސް އިންތިހާބުގައި ވޯޓު ގަނެ ވިއްކުން އިތުރުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު މީޑިއާ ހިއްސާ ކުރުމަށް ބުދަ ދުވަހު ބޭއްވި ފްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަން މެނޭޖާ އައިމަން ރަޝީދު ވިދާޅުވީ، އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޮރަލް ސިސްޓަމް (އައިއެފްއެސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ފައިސާ ބޭނުން ކުރެވޭ ގޮތް ބެލުމަށް ހެދި ދިރާސާއިން ދައްކާ ގޮތުން އިންތިހާބުތަކުގައި 37 ޕަސެންޓް މީހުން ވޯޓު ގަތުމާއި ވިއްކުމުގައި ބައިވެރިވެފައިވާ ކަމަށެވެ.
''މިހާ ބޮޑަށް ވޯޓު ގަތުމާއި ވިއްކުމުގެ މާރުކޭޓެއް ދިވެހިރާއްޖޭ ގައި އުފެދިގެން އުޅޭއިރު އަދި ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބާ އަޅާ ބަލައި ދިރާސާތަކުން މި ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ގަތުމާއި ވިއްކުން މާބޮޑޭ '' އައިމަން ވިދާޅުވިއެވެ.
އިތުރު ތަފްސީލު ބަޔާން ކުރައްވަމުން އައިމަން ވިދާޅުވީ، ވޯޓު ވިއްކުމުގެ ކަންތައްތައް މިހާ ހިސާބަށް ގޮސްފައިވާއިރު އެކަން ހުއްޓުވުމަށް އެއްވެސް ފަރާތަކުން ފިޔަވަޅެއް އެޅިފައި ނުވާ ހިނދު ޖަވާބުދާރީ ކޮށްފައިވެސް ނުވާކަމަށެވެ.
ވޯޓު ގަތުމާއި ވިއްކުމަށް ހުއްޓުމަކަށް ގެނައުމަށްޓަކައި ޓްރާންޕޭރެންސީ އިން އިލެކްޝަނަށް ތިން ކަމެއް ހުށައަޅާފައިވާ ކަމަށް އައިމަން ވިދާޅުވިއެވެ.
އޭގެ ތެރޭގައި، ވޯޓު ގަތުމާއި ވިއްކުމުގެ ގާނޫނު މިހާރަށް ވުރެ ހަރުދާނަ ކުރުމުގެ ގޮތުން ގާނޫނަށް ބަދަލެއް ގެނައުމަށާއި، އަދި ވޯޓު ގަތުމަކީ ޖިނާއި ކުށެއް ކަމުގައި ކަނޑައެޅެން ޖެހޭ ކަމުގެ އިތުރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާ ފަދަ ތަކެތި ދިނުން ހުއްޓުވުން ކަމަށެވެ.
އިންތިހާބުގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުން މަދުކަން ފާހަގަ ކުރަމުން އައިމަން ވިދާޅުވީ، އިންތިހާބު ތަކުގައި އަންހެނުންނަށް ފަންނީ އެހީތެރިކަން ލިބޭ މިންވަރުގެ އިތުރުން އަންހެނުން ލީޑަރުންގެ ގޮތުގައި ނުދެކުން ފަދަ ކަންތައްތައް ފާހަގަވެފައިވާ ކަމަށެވެ.
އެކަންތަކަށް ރިޔާއަތްކޮށް އިންތިހާބުތަކުގައި އަންހެނުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމުގެ ގޮތުން ޓްރާންޕޭރެންސީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އަންހެނުންނަށް އިންތިހާބުތަކަށް ކުރިމަތިލާ ވާދަކުރުމަށް މަގުފަހިވާ ގޮތުގެ އިތުރުން ސިޔާސީ އެހެނިހެން ކަންތައްތަކުގައި ތަމްރީން ޕްރޮގްރާމްތަކެއް ހިންގުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ޕާޓީތަކުން އިސްނަގައިގެން އަންހެނުންނަށް ކޯޓާތަކެއް ދޭ ގޮތަށް ހަމަޖެއްސުމަކީ ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށް އައިމަން ވިދާޅުވިއެވެ.
ވޭތު ވެދިޔަ ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަންގެ މިނިވަން ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފައްދާފައި ވާތީ، އިންތިހާބަށް ފަހު އީސީގެ މިނިވަން ކަމާއި މެދު ސުވާލުތަކެއް އުފައްދާ ނުވަތަ އުފެދޭތޯ ރާއްޖެ.އެމްވީ އިން ސުވާލު ކުރުމުން އައިމަން ވިދާޅުވީ، އޭރު އިލެކްޝަން ކޮމިޝަނާއި މެދު ޝައްކު އުފެއްދި ފަރާތްތަކުން މިހާރު ޝައްކު ނުއުފައްދާ ކަމަށާއި، އޭރު ޔަގީންކަން އޮތް ފަރާތްތަކުން މިހާރު ޝައްކު އުފައްދަމުންދާ ކަމަށެވެ.
'' އެހެން ނަމަވެސް ފާހަގަ ކޮށްލަން ބޭނުންވޭ އިލެކްޝަން ކޮމިޝަނާއި މެދު ޝައްކު އުފައްދަން ދިމާވާ ސަބަބުތަކެއްވެސް އެބަހުރި. މިސާލަކަށް، ސިޔާސީ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެ ހުރެ ކުއްލިއަކަށް އިލެކްޝަން ކޮމިޝަނަށް އައުން... މިހާރުވެސް އެ ފުރުސަތު އެބައޮތޭ އެފަދަ މަގާމެއްގައި ހުރީމަ. '' އޭނާ ވިދާޅުވިއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތިއްޖާ ގަބޫލް ނުކޮށް އީސީގެ މެމްބަރުންނަށް ''ވަގަށް'' ގޮވާއި އިންތިހާބު ބާތިލް ކުރުމަށް ޖަލަށްލާފައި ހުރި ޔާމިންގެ ސަޕޯޓަރުން ވަނީ އެއްވުންތަކެއް ބާއްވާފައެވެ.
އައިމަން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އީސީން އަމަލު ކުރި ގޮތާއި މިހާރު އަމަލު ކުރަމުންދާ ތަފާތު ކަމަށެވެ. އެއަށް މިސާލު ޖަހަމުން އައިމަން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެކި ފަރާތްތަކުގެ ބައިވެރިވުމާއި ނުލައި ގިނަ ކަންތަކެއް އިސީން ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ފެނިގެންދަނީ ކުރިޔާ އަޅާބަލާއިރު ވަރަށް ގިނަ ކަންތައް އީސީން ހާމަކުރަމުންދާ ތަން ކަމަށެވެ.
''މިސާލަކަށް އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި މަދަނި މުޖްތަމާއު ކަމާބެހޭ ފަރާތްތަކުގެ ލަފާއާއި އެއްކޮށް ވަރަށް ގިނަ ކަންކަން ކުރިޔަށް މިދަނީ'. އެހެންވީމާ ކުރީގެ އިލެކްޝަން ކޮމިޝަން ހިނގި ގޮތާއި މިހާރާ ތަފާތުކޮށް މިހިނގަނީ. އެހެން ނަމަވެސް އަސާސީ މިންގަނޑު ތަކަށް ބަލައިލައިފި ކަމަށް ވަންޏާ އަދިވެސް އެބަހުރި ޝައްކު އުފައްދާނެ ޖާގަ. އިލެކްޝަން ކޮމިޝަން އެކުލަވާލުމުގައި އެބަހުއްޓޭ އެ މައްސަލަ'' އޭނާ ވިދާޅުވިއެވެ.
އެކަމަކު ކުރިޔަށް އޮތްތާގައި އަލަށް އީސީ އެކުލަވާލާފައިވާއިރު އެ މައްސަލަތަކަށް ހައްލު ލިބުން މުހިއްމު ކަމަށް އައިމަން ވިދާޅުވިއެވެ.