ކ. ދިއްފުއްޓަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާކުރައްވައިފިއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ދިއްފުށި ކައުންސިލް މެންބަރުން ރައީސް ސޯލިހުއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ދިއްފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސް ސޯލިހުއާ ހިއްސާކުރެއްވިއެވެ.
އެގޮތުން، ކައުންސިލް އިމާރާތުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމާއި، ރަށް ގިރުމުގެ މައްސަލަ އާއި، ރަށަށް ވަންނަ ނެރު ބެދެމުންދާ މައްސަލަ މެންބަރުން ފާހަގަކުރެއްވެވިއެވެ. އަދި މެންބަރުން ވަނީ ރަށުން ގޯތި ދޫކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިވަޑައިގަތެވެ.
މީގެ އިތުރުން ރަށަށް އޭޓީއެމްގެ ޚިދުމަތް ބޭނުންވާ ކަމަށާއި، ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލަށް ދަތިވެފައިވާ ކަންތައްތައް މެންބަރުން ހިއްސާ ކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ޒުވާނުން ބޭނުންކުރުމަށް އިޖުތިމާއީ މަރުކަޒެއް ބޭނުންވާ ކަމުގައި ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކޮށްދިނުމަށް ވެސް ކައުންސިލު މެންބަރުން އެދިވަޑައިގަތެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ދިއްފުށީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާ ގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރައްވައިގެން އެކަން ކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.