އިސްލާހަށް ކުރެއްވި މަސައްކަތްތަކުން ހިތްވަރު ލިބުނީ ތޮއްޑޫ ދާއިރާ ހިމެނޭ ތިން ރަށުގެ ރައްޔިތުން ކުރި މަސައްކަތުން ކަމަށް ތޮއްޑޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން އަބްދުﷲ ގެ ވެރިކަމުގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމަށް ފަހު ޝިޔާން ހައްޔަރު ކުރިއެވެ. އއ.ތޮއްޑޫގައި އެމްޑީޕީއިން ބޭއްވި ބޮޑު ޖަލްސާގައި އޭނާ ވިދާޅުވީ ޖަލަށްލީ ކަމުގައި ވީނަމަވެސް އަލުން އަނބުރާ އިސްލާހަށް މަސައްކަތް ކުރަން ފެށީވެސް އެދާއިރާގެ ރައްޔިތުން ދެއްވި ހިތްވަރުން ކަމަށެވެ. އެހެންކަމުން އެދާއިރާއަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންގާރަ ދުވަހު މަތިވެރި ދާއިރާ އަދި ތޮއްޑޫ ދާއިރާއިން ކިޔާފައިވާ މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
" އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ދާއިރާގެ ތިން ރަށުގެ ރައްޔިތުން ކުރެއްވި މަސައްކަތުން." ޝިޔާން ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން އަބްދުﷲ ގެ ވެރިކަމުގައި ކަނޑާލި ސަބްސިޑީޒް, އެޖެންޑާ 19 ގައި ދަނޑުވެރިންނާއި މަސްވެރިންނަށް ލިބޭނެ ކަމަށާއި އަރިއަތޮޅު ދާއިރާއަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި އަތޮޅު ކަމަށް ވިދާޅުވިއެވެ.
މަޖިލީސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ލިބިލެއްވި ޝިޔާން ފުރަތަމަ އިންތިޚާބުވެފައި ވަނީ ކައުންސިލަރެއްގެ ގޮތުގައެވެ. އެއަށް ފަހު އަތޮޅު ކައުންސިލަރެއްގެ ގޮތުގައި އޭނާ ވަނީ އިންތިޚާބު ވެފައެވެ. އޭނާ އަކީ މިހާރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް ވެސް މެއެވެ.
ތޮއްޑޫގައި އެމްޑީޕީއިން ބޭއްވި ބޮޑު ޖަލްސާގައި މަތިވެރި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހަސަން ޒަރީރު ވިދާޅުވީ2019 ވަނަ އަހަރު މަޖިލީސް އިންތިޚާބުގެ ކެންޕެއިން ފެށުމުގެ ޖަލްސާގައި ރައީސް ނަޝީދު ވަޑައިގެންނެވުމުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މަތިވެރި ދާއިރާއަށް އަޅާލާފައި ނެތް ކަމަށާއި ރައްޔިތުން އެ މެމްބަރަށް 4 ވަނަ ފަހަރު ވޯޓު ނުދޭންވީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޭތުވެދިޔަ 15 އަހަރު ތެރޭގައި މިދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި ބޭފުޅާ އަޅާލާފައެއް ނެތް. އެހެންވެ ރައްޔިތުން މިފަހަރު އެބޭފުޅާއަށް ވޯޓު ނުދޭންވީ." ހަސަން ޒަރީރު ވިދާޅުވިއެވެ.
ތޮއްޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހަސަން ޝިޔާނާއިއެކު އަރިއަތޮޅުގެ ދެ ދާއިރާ ފަތަހަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.