ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 21:03
ހަކީމް އަލް-އަރައީބީ އޮސްޓްރޭލިޔާގެ ރަށްވެހިކަން ހަވާލުކުރަނީ
ހަކީމް އަލް-އަރައީބީ އޮސްޓްރޭލިޔާގެ ރަށްވެހިކަން ހަވާލުކުރަނީ
ގެޓީ އިމޭޖަސް
ތައިލެންޑުން ހައްޔަރުކުރި ފުޓުބޯޅަ ކުޅުންތެރިޔާ
ތައިލެންޑުގައި ހައްޔަރުކުރި ބަހްރޭނުގެ ފުޓުބޯޅަ ތަރިއަށް އޮސްޓްރޭލިއާގެ ރަށްވެހިކަން ދީފި
ރަށްވެހިކަން ހޯދަން ހަދާ ޓެސްޓުން 100 އިންސައްތަ މާކްސް ހޯދި

ތައިލެންޑުގައި ހައްޔަރުކުރުމަށް ފަހު މިދިޔަ މަހު ދޫކޮށްލި ބަހްރޭނުގެ ފުޓުބޯޅަ ކުޅުންތެރިޔާ ހަކީމް އަލް-އަރައީބީއަށް އޮސްޓްރޭލިޔާގެ ރަށްވެހިކަން ދީފިއެވެ.

އަންގާރަ ދުވަހު އަރައީބީއަށް އޮސްޓްރޭލިއާގެ ރަށްވެހިކަން ލިބުނީ، އެ ގައުމުގެ ރަށްވެހިކަން ހޯދަން ހަދާ ޓެސްޓުން 100 އިންސައްތަ މާކްސް ހޯދައިގެންނެވެ.

ރަށްވެހިކަން ރަސްމީކޮށް ލިބުމަށް ފަހު ނޫސްވެރިންނާ ވާހަކަދަކައްކަމުން އަރައީބީ ބުނީ އޮސްޓްރޭލިއާގެ ރައްޔިތަކަށް ވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި އޮސްޓްރޭލިޔާގެ ރައްޔިތަކަށް ވުމުން ރައްކާތެރިކަން ވެސް އިހުސާސް ވެއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަހުރޭނުން ފިލައިގެން ގޮސް އޮސްޓްރޭލިޔާގެ ހިމާޔަތް އަރައީބީ ހޯދީ 2014 ވަނަ އަހަރުގައެވެ. ތައިލެންޑުން އޭނާ 2018 ވަނަ އަހަރުގެ ފަހުކޮޅު ހައްޔަރު ކުރީ، އޭނާގެ ކައިވެންޏަށް ފަހު ހަނީމޫނަށް ދާންވެގެން ގޮސް ހުއްޓާ ބެންކޮކްގެ ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އޭނާ ހައްޔަރު ކުރީ އިންޓަޕޯލް މެދުވެރިކޮށް ބަހުރޭނުން އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސްއެއް ނެރެފައި އޮތުމުން ކަމަށް ތައިލެންޑުން އޭރު ވަނީ ބުނެފައެވެ.

ތައިލެންޑުގެ ޖަލެއްގައި 76 ދުވަސް ހޭދަކުރުމަށް ފަހު އޭނާ މިނަވަން ކުރީ ތައިލެންޑުގެ ކޯޓަކުންނެވެ. ކުރިން ބަހްރޭނުގެ ގައުމީ ޓީމަށް ކުޅެފައިވާ އަރައީބީ ބުނެފައިވަނީ އޭނާ އަނބުރާ ގައުމަށް ފޮނުވާލާފިއްޔާ އޭނާގެ ފުރާނައަށް ނުރައްކާވުމުގެ ބިރު އެބައޮތް ކަމަށެވެ. ބަހްރޭނުން 2014 ވަނަ އަހަރު ގައިރު ހާޒިރުގައި އޭނާގެ މައްޗަށް 10 އަހަރުގެ ހުކުމެއް ކޮށްފައި ވެއެވެ. އޭނާގެ މައްޗަށް ސާބިތުވީ 2012 ވަނަ އަހަރު ފުލުހުންގެ މަރުކަޒަކަށް ގެއްލުން ދިން ކަމުގެ ދައުވާއެވެ.

ޑިފެންޑަރެއްގެ މަގާމަށް ކުޅެމުން އަންނަ އަރައީބީ މިހާރު ކުޅެމުން އަންނަނީ މެލްބަރންގެ ޕަސްކޯ ވާލް އެފްސީއަށެވެ. އޭނާ ބަހްރޭނުގައި ކުޅުނީ އެ ގައުމުގެ އަލް-ޝަބާބް ކްލަބަށެވެ. އެއްމެ ފަހުން އަރައީބީ ބަހުރޭނުގެ ގައުމީ ޓީމަށް މެޗެއް ކުޅުނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

- ކޮމެންޓް