Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 21:55
ސީއެސްސީގެ މެންބަރު ކަމުގެ ލިޔުން ރައީސްުލް ޖުމްހޫރިއްޔާ ހަވާލުކޮށް ދެއްވަނީ
ސީއެސްސީގެ މެންބަރު ކަމުގެ ލިޔުން ރައީސްުލް ޖުމްހޫރިއްޔާ ހަވާލުކޮށް ދެއްވަނީ
ރައީސް އޮފީސް
ސިވިލް ސަރވިސް ކޮމިޝަން
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
ޝަހީޤް އެމަޤާމަށް އައްޔަން ކުރުމަށް ފާސްކުރެއްވީ މިދިޔަ ބުދަދުވަހު

ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް މަޖިލީހުން އައްޔަން ރުހުން ދީފައިޥާ މާޅޮސްމަޑުލު ދެކުނުބުރި ގޮއިދޫ ސޯސަންގެ އިބްރާހީމް ޝަހީޤް އެކޮމިޝަންގެ މެންބަރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ހޯމަ ދުވަހު ޝަހީޤް ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅާއާ ޙަވާލުކުރެއްވިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ ޖަލްސާގައި ސީއެސްސީގެ މެންބަރު ކަމަށް ޝަހީގު އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ 49 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް 23 މެންބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ތިން މެންބަރުން ތިއްބެވި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ޝަހީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޭބޭފުޅު ވިދާޅުވާ ޝަމްއޫން ހަމީދު ވެސް އެމަގާމަށް ކުރިމަތިލައްވާފައި ވެއެވެ. ނަމަވެސް ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ދައުލަތުގެ އިއްޒަތްތެރިއެއް ކަމަށްވާ އަލް މަރްހޫމް އަބްދުﷲ ހަމީދުގެ ދަރިކަލުން ޝަމްއޫނަށް އެކަށީގެންވާ ވަރަށް މާކްސް ވެސް ދީފައެއް ނުވެއެވެ.

ސީއެސްސީއަށް މެންބަރަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިންޓަވިއުކޮށް މާކްސް ދީފައިވަނީ އަށް ފަރާތަކަށެވެ. އެ އަށް މީހުންގެ ތެރެއިން 83.6 މާކްސް ލިބިގެން ޝަހީގަށް އެ ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައިވާއިރު، އަނެއް ހަތް މީހުންނަށް ލިބިފައިވަނީ 75 މާކުހަށް ވުރެ ދަށުންނެވެ. ދެ ވަނަ އަށް އެންމެ ގިނަ މާކްސް ލިބިލައްވާފައި ވަނީ ޝަމްއޫން ހަމީދަށެވެ. އޭނާއަށް ވެސް ލިބުނީ 69.6 މާކްސް އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް