Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 19:19
ކުރީގެ ރައީސް މުހައްމަދު ނަޝީދު --
ކުރީގެ ރައީސް މުހައްމަދު ނަޝީދު --
ރާއްޖެއެމްވީ
ރައީސް ނަޝީދު
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
ރާއްޖެ ޓީވީން ވަނީ އެމްބަސީން ދިން ފައިސާ އަނބުރާ ރައްދުކޮށްފައި

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީން ދިވެހި ނޫސްވެރިންނަށް 500ރ. ރުފިޔާގެ ނޫޓް ދީ ނޫސްވެރިންގެ ނަޒާހަތްތެރިކަން ނަގާލަން ކުރި މަސައްކަތަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ހޯމަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން ގަތުމަށް ސައުދީ އަރަބިޔާގެ އެމްބަސީން 500ރ. ދިނުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެ އިވެންޓްގައި ބައިވެރިވި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން 500ރ. އަނބުރާ އެމްބަސީއާ ހަވާލުކޮށްފައިވާ ކަމީ ރާއްޖެޓީވީގެ ނަޒާހަތްތެރިކަން ރަނގަޅުކަން އެނގިގެންދިޔަ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

 

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި އާދީއްތަ ދުވަހު އޮތް އިވެންޓެއް ކަވަރު ކުރަން ދިޔަ ކޮންމެ ނޫސްވެރިޔަކަށް 500ރ. ދީފައިވެއެވެ.

އޯޓިޒަމް ހުންނަ ކުއްޖެއް ކަމަށްވާ އަލްހާފިޒް އަހުމަދު ނަބީހު ތިން މަސް ތެރޭގައި ގުރުއާން ހިތުދަސްކުރުމާ ގުޅިގެން ހިތްވަރު ދިނުމުގެ ގޮތުން އޭނާއާ ސައުދީ އެމްބަސީން ބައްދަލުކުރުމަށް ބޭއްވި އިވެންޓް ކަވަރު ކުރި ނޫސްވެރިންނަށް ސިޓީއުރައެއް ދީފައިވަނީ އިވެންޓް ނިމުމުން ނޫސްވެރިން ވަކިން ހާޒިރުކުރުމަށް ފަހުގައެވެ.

ނޫސްވެރިންނަށް ދިނީ ކޮން އެއްޗެއްކަން ނޫސްވެރިންނަށް އެނގިފައި ވަނީ އެމްބަސީއިން ނުކުތުމަށް ފަހު ސިޓީއުރަ ބަލާލުމުންނެވެ. ކޮންމެ ނޫސްވެރިޔަކަށް ދިން ސިޓީ އުރައިގައިވަނީ 500ރ. އެވެ.

ނޫސްވެރިންގެ އަޚްލާގީ މިންގަޑުތައް ކަނޑައަޅާ އުސޫލެއް ބަޔާންކޮށް ހަދިޔާގެ ގޮތުގައި ހިފޭނެ މިންވަރެއް ރާއްޖޭގައި ކަނޑައަޅާފައެއް ނުވެއެވެ.

ދިވެހި ރާއްޖޭގައި ބާއްވާ އެކި އިވެންޓްތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ފަދަ ކަންކަން ނިންމުމަށް ފަހު ސައިފޮދެއް ނުވަތަ ކެއުމެއް އޮތް ނަމަވެސް ފައިސާ ދިނުމަކީ މިހާތަނަށް އޮތް ސަގާފަތެއް ނޫނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް