އިރާގުން ހައްޔަރު ކޮށްފައިވާ އައިސްއެސްގެ ހަނގުރާމަވެރިންނަށް ކުށްކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ އެ ގައުމުގެ ފަސްގަނޑުގައި ކަމަށް ވާތީ އެ މީހުންގެ މައްޗަށް އެ ގައުމުގައި ދައުވާ ކުރާނެ ކަމަށް އިރާގުގެ ރައީސް ބްރަހަމް ސާލިހް ވިދާޅުވެއްޖެއެވެ.
އަލް ހަދަތް ޓީވީ ޗެނަލްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސާލިހް ވިދާޅުވީ އައިއެސްއަށް ނިސްބަތްވާ ފްރާންސްގެ ހަނގުރާމަވެރިންނާ މެދު ދައުވާ ކުުރުމަށް ނިންމަވާފައިވާ ނިންމެވުމާމެދު ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮންއާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ފްރާންސަށް ނިސްބަތްވާ 13 ހަނގުރާމަވެރިއަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ސާލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ސާލިޙް ވިދާޅުވީ ރެފިއުޖީންގެ މައްސަލަ ހައްލު ކުރުމަށް އެ ގައުމަށް ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ބްރަހަމް ސާލިހް ވިދާޅުވެފައިވަނީ ޓެރެރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދުނިޔޭގެ ފަރާތުން އިރާޤް އިސްނަގާފައިވާ ކަމަށެވެ. އަދި އައިއެސް ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާއިރު އައިއެސް ބަލިވެއްޖެކަން ކަށަވަރު ކުރުމަށް އިރާގުގެ ހުރިހާ ރައްޔިތުން ގުޅެން ޖެހޭ ކަމަށާއި އެއީ އެ ގައުމަށް ލިބޭ ކާމިޔާބެއް ކަމަށްވަނީ ވިދާޅުވެފައެވެ.
ސާލިހްވަނީ އައިއެސްގެ ހަނގުރާމަވެރިންގެ ބިރު ދެއްކުން އޮތްއިރު އިރާގާއި ސީރިޔާއާ ދެމެދު ވެސް އަސްކަރީ ގޮތުން އަދި ސަލާމާތާ ގުޅޭ ގޮތުން ވެސް އެއްބާރުލުން ދެމުންދާ ކަމަށެވެ. އެ ގޮތުން އައިއެސްގެ ބައެއް މެމްބަރުން އަދި ވެސް ސީރިޔާގެ ސަރަހައްދީ ރޮނގުކައިރިން ފެންނާނެ ކަމަށް ސާލިހް ވިދާޅުވިއެވެ.