ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކު އެމަނިކުފާނު ދައްކާ ވާހަކަފުޅު ބަލައިނުގަންނަ ކަމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.
''ދަ ވައިސް ރޯއި ސްޕެޝަލް'' ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނަ ވިދާޅުވީ، ކޮލަމްބޯ-ކެންޑީ އެކްސްޕްރެސް ހަދަން ހަވާލުކުރި ފަރާތްތަކަށް ފަރުބަދަތައް ނުތޮރުފައި، ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުމަށް މީގެ ކުރިން އެދުނުކަމަށެވެ.
ނަމަވެސް އެމަގު މިހާރު ހަދަމުން އެދަނީ އެމަނިކުފާނުގެ އިރުޝާދާއި ހިލާފަށް ކަމަށާއި، އެއިން ދައްކުވައިދެނީ ސަރުކާރުގައި އެމަނިކުފާނުގެ ބަސްފުޅު ނުވިކޭ ކަމަށް ރައީސް ސިރިސޭނަ ވިދާޅުވިއެވެ.
'' ކޮލްމްބޯ- ކެންޑީ އެކްސްޕްރެސްގެ މަސައްކަތް ފެށުމުން އަޅުގަނޑު ދެންނެވިން އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ގާތުގައި ފަރުބަދަތައް އެއްވަރަކަށް ނުބެހެއްޓުމަށް'' ސިރީސެނަ ވިދާޅުވިއެވެ.
ސިރިސޭނަ ވިދާޅުވީ، އެމަނިކުފާނަކީ އިންޖިއަނަރެއް ނޫންކަމަށެވެ. އެހެން ނަމަވެސް ތިމާވެއްޓަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ.
މީގެ ތިން އަހަރު ކުރިން، އެ އެކްސްޕްރެސްވޭ ހަދަން ޖެހެނީ، އަމްބެޕުސާ އިން ކުރުނޭގަލަ އަށް ފަރުބަދަތަކަށް ގެއްލުން ނުވާގޮތަށް ކަމަށް ވިދާޅުވެފައިވާނެ ކަމަށް ރައީސް ސިރިސޭނަ ވިދާޅުވިއެވެ.
ކޮލަމްބޯއިން ކެންޑީއަށް ދަތުރުކުރެވޭ ގޮތަށް ރޭލް އެކްސްޕްރެސް އެއް ހެދުމުގެ ޕްރޮޕޯސަލް އެއް ހުށައަޅާފައިވަނީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ވެރިކަމުގެ ދުވަސްވަރު ރަނިލް ވިކްރަމަ ސިންހައެވެ. އެކަމާ ގުޅޭގޮތުން މެލޭޝިއާގެ ކުންފުންޏަކާ ދެމެދު މަޝްވަރާތަކެއް ކުރެވުމަށް ފަހު އެ މަސައްކަތް އޮތީ ހުއްޓިފައެވެ.
އޭގެ ފަހުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2014 ވަނަ އަހަރު އެކްސްޕްރެސްވޭގެ ކޮންސްޓަރކްޝަން މަސައްކަތް އަމަލީ ގޮތުން ފެށިއެވެ.
ލަންކާގެ ކުރީ ސަރުކާރުން އެ އެކްސްޕްރެސް ވޭ ހަދަން 200 ބިލިއަން ސްރީލަންކަން ރުޕީސް ހޭދަ ކުރަވޭނެ ކަމަށާއި، 2018 ވަނަ އަހަރު މަސައްކަތް ނިމޭނެ ކަމަށް ވަނީ ބުނެފައެވެ.
މިހާރުގެ ރައީސް ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެކްސްޕްރެސްވޭގެ ފައުންޑޭޝަން 2017 ގައި އެޅުމަށް ފަހު އެ މަސައްކަތް ދެއަހަރު ތެރޭ ނިމޭނެ ކަމަށް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.