ކ. މާލެ
|
8 މާރޗް 2019 | ހުކުރު 07:33
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ރާއްޖެއެމްވީ
ރާއްޖޭގެ ފަތުރުވެރިކަން
އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރުން: އަލީ ވަހީދު
އައިޓީބީ ފެއަރގެ ތެރެއިން އެ އަމާޒު ވަރަށް ބޮޑަށް ހާސިލްވެގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވި

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން ކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އައިޓީބީ ފެއަރގެ ތެރެއިން ބުދަ ދުވަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ އައިޓީބީ ފެއަރގެ ތެރެއިން އެ އަމާޒު ވަރަށް ބޮޑަށް ހާސިލްވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ރާއްޖޭގެ ސްޓޯލަށް ވަރަށް ގިނަ ފަރާތްތަކުން ޒިޔާރަތްކުރާ ކަމަށާއި މިދިޔަ އަހަރު ފަތުރުވެރިކަމުގެ މާކެޓުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް މީހުން ޒިޔާރަތްކޮށްފައިވަނީ ޖަރުމަންވިލާތުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާއާ އެއްކޮށް ވިޔަފާރީގެ މާހައުލު އިތުރަށް ފަހިކުރުމަށްޓަކައި ކެބިނެޓް ލެވެލްގައި ދިރާސާ ކުރެވޭނެ މަސައްކަތް މި މަހު ފަށާނެ ކަމަށާއި ފަތުރުވެރިކަމުގައި އަޅާނުލެވި އޮތް ރަށްތަކަށް އަހަންމިއްޔަތުކަންދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި އަހަރު ރާއްޖޭގައި 20 ރިސޯޓު ހުޅުވިގެންދާއިރު ލ އަތޮޅުގައިވެސް ރިސޯޓެއް ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ތުރާކުނުން ފެށިގެން އައްޑޫ ސިޓީއަށް ދަތުރުފަތުރު ކުރުމުގެ ނެޓްވޯކް އިތުރަށް ހަރުދަނާކޮށް ފަތުރުވެރިކަން ފުޅާކޮށްގެން، ރާއްޖޭގެ ކޮންމެ ހިސާބަކަށް ނިސްބަތްވާ ރައްޔިތަކަށްވެސް ތިމަންނައަކީ ފަތުރުވެރިކަމުގެ ބައިވެރިޔެކޭ ބުނެވޭ ވަރަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.

- ކޮމެންޓް