ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބަޖެޓުގެ ދަތިތަކަށް ސަމާލުވާން ޖެހޭ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އަންގާރަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިއެމްއެފްގެ ޑެޕިއުޓީ ޑިވިޜަން ޗީފް ފިލިޕް ކަރަމް ވިދާޅުވީ، ގައުމީ އުފެއްދުންތެރިކަން 2019 އަދި 2020 ވަނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ މިންވަރު 2018 ވަނަ އަހަރަށް ވުރެ ކުޑަ މިންވަރަކަށް ދަށްވެދާނެ ކަމަށް އައިއެމްއެފްގެ ވަފުދުން ލަފާކުރައްވާ ކަމަށާއި، ގައުމީ އުފެއްދުންތެރިކަން 2019 ވަނަ އަހަރު 6.5 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާ ކުރެވޭއިރު، 2020 ވަނަ އަހަރު އެ އަދަދު 6.0 އިންސައްތަައަށް ދައްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭގެ އިތުރުން، އިގްތިސާދު ފުޅާވަމުން ދާއިރު ކުރިމަތިވާ ގޮންޖެހުންތައް ވިސްނުންތެރިކަމާ އެކު މެނޭޖްކުރެވެން ޖެހޭނެ ކަމަށާއި، އިތުރުވަމުންދާ ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި، ބޭރުގެ އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ ސަބަބުން އިގްތިސާދަށް ނޭދެވޭ ލޮޅުންތަކެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް ފިލިޕް ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާއިރު، ސަރުކާރުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޓެކްސް ނިޒާމު ހަރުދަނާކުރުމާއި، ސަބްސިޑީ އާއި ސިއްހީ ދާއިރާ ހިމެނޭ ގޮތަށް ސަރުކާރުން ކުރާ ހޭދަ ހިފެހެއްޓެނިވި މިންވަރެއްގައި ދެމެހެއްޓުމަށް ހުށަހަޅާފައިވާ ކަންކަމަކީ އައިއެމްއެފްގެ ވަފުދުން ބަލައިގަންނަ ކަންތައްތައް ކަމަށް ވެސް ފިލިޕް ވިދާޅުވއެވެ.
ފިލިޕް އިތުރަށް ވިދާޅުވީ، އާ ސަރުކާރުން އެކުލަވާލަމުންދާ ނޭޝަނަލް ޑިވެލޮޕްމަންޓް ސްޓްރެޓެޖީގައި ރާއްޖެއަށް ދިމާވެފައިވާ ގަވާނަންސްއާ ގުޅުން ހުރި ބޮޑެތި ގޮންޖެހުންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ރަނގަޅަށް ބަލާފައިވާ ކަމަށާއި، ސަރުކާރާއި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް އަދި ކޮރަޕްޝަން މަދުކުރުމަށް ކުރެވޭ މިފަދަ ކަންތައްތަކަށް އައިއެމްއެފްގެ ވަފުދުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.
ވިޔަފާރި މާހައުލު މިހާރަށް ވުރެ ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިންވެސްޓްމަންޓާ ގުޅޭ ގާނޫނާއި ގަވާއިދުތައް މުރާޖައާ ކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ފައިނޭންސް ލިބޭނެ ވަސީލަތެއް ނެތް ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް ފިލިޕް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މިވަފުދުން ތައްޔާރުކުރާ ރިޕޯޓް، އައިއެމްއެފްގެ މެނޭޖްމެންޓްގެ ހުއްދައާ އެކު، 2019 ވަނަ އަހަރުގެ އެޕްރިލް މަހު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.