އަންނަ ހޯމަ ދުވަހު މާލޭ ރައްޔިތުންނާއި ސިޓީ ކައުންސިލުން ބައްދަލު ކުރަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު)ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ސިޓީއަށް ނިސްބަތްވާ ކައުންސިލަރުންނާ ބައްދަލު ކުރާނެ ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ 11 މާރޗް 2019 ވާ ހޯމަ ދުވަހުގެ ރޭ 20:15 ގައި ދަރުބާރުގޭ ހަކުރާ މާލަމުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލެ ސިޓީ ކައުންސިލުގެ ބާރުތައް ހަނިކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވަނީ ކައުންސިލްތަކަށް އަލުން ބާރުތައް ދެއްވާފައެވެ.
މާލޭ ސިޓީ ކައުންސިލްގައި ތިއްބަވަނީ 13 ކައުންސިލް މެމްބަރުންނެވެ. އޭގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ.