މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރާއި ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ދެ ވެރިން ހާޒިރުކުރަން އޮތް މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.
ކޮމިޓީ ބައްދަލުވުން ކަވަރު ކުރަން ދިޔަ މީޑިޔާތަކަށް ކޮމިޓީން އަންގާފައި ވަނީ، މި ބައްދަލުވުންތައް ކުރިއަށް ގެންދާނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކަމަށެވެ. ބައްދަލުވުން ސިއްރުކޮށްފައި ވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް މެމްބަރުން ކޮމިޓީ ސިއްރު ކުރުމަށް ވޯޓް ދެއްވުމާ ގުޅިގެންނެވެ.
މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ތިން މެމްބަރުންނާއި، ޖޭޕީގެ ހަތަރު މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރެކެއެވެ.
އެފްއައިޔޫގެ ކުރީގެ ދެ ވެރިންނާއި، މިހާރުގެ އެފްއައިޔޫގެ ހެޑްގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓް އާންމުކުރުމާ ގުޅިގެން، އެކަމާ ގުޅޭ ގޮތުން މެމްބަރުން ސާފުކުރަން ބޭނުންވާ ކަންތައް ސާފުކުރުމަށް ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވަނީ ވިދާޅުވެފައެވެ.
މާލިއްޔަތު ކޮމިޓީގެ މެމްބަރު ޣަފޫރު ވިދާޅުވީ އެފްއައިޔޫގެ ވެރިން ކޮމިޓީއަށް ހާޒިރުކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެ ޔުނިޓުން ދިރާސާ ކުރުމަށް ފަހު، އެ މައްސަލަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އޭރު އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފައިވާ ދެ ބޭފުޅުންގެ އެއްވެސް ނުފޫޒެއް މިކަމުގައި އޮތްތޯ ބެލުމަށް ކަމަށެވެ.
އާތިފް އެފްއައިޔޫގެ ވެރިޔަކަށް ހުންނެވީ ގަވަރުނަރަކަށް އަޒީމާ އާދަމް ހުންނެވި ދުވަސްވަރުއެވެ. އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އަމިއްލަފުޅަށް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގް އޭސީސީން ފެށުމުގެ ކުރިންނެވެ.
އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަގާމުން ވަކިކުރެއްވީ17 ސެޕްޓެމްބަރ 2018 ވަނަ ދުވަހު، މިހާރުގެ ގަވަރުނަރު އަހްމަދު ނަސީރުއެވެ. އަޝްރަފް މިހާރު ވަޒީފާ އަދާކުރައްވަނީ އެމްއެމްއޭގެ ސްޓްރެޖިކް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސެކްޝަނުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށް އަދި އެފައިސާ ނަގުދު ފައިސާ އިން ނަގާފައިވާކަމުގެ މައުލޫމާތު ރިޕޯޓް 13 ސެޕްޓެމްބަރު 2018 ދުވަހު، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ފޮނުއްވެވީ އަޝްރަފެވެ.
އާތިފް ޝަކޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމް ފުރުއްވި އާޒިމާ ޝަކުރޫގެ ބޭބެއެވެ. ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ދައުލަތުގެ އިދާރާއަކަށް ދޮގު ހެކި ދިނުމާއި، މަނީ ލޯންޑަރ ކުރި ކުރުމަށް އެހީތެރިވެދިން ކަމުގެ ދައުވާއެވެ.