އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން އަންގާރަ ދުވަހު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑިރެކްޓަރ ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް "ބޯޑު ކެންޑިޑަސީ ގައިޑްލައިން" ގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ޑޮކިއުމަންޓްތައް ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2019 މާރޗް 27 ވާ ބުދަ ދުވަހުގެ 16:00 ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ފޯމް ހުށަހަޅާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީ އިން އިންޓަވިއުކުރާ އިރު، އިންޓަވިއުއިން ޝޯޓް ލިސްޓްކުރާ ކެންޑިޑޭޓުންގެ ތެރެއިން އެ މަގާމަށް އިންތިހާބު ކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ނަންތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ބޯޑުން ކަނޑައަޅާ ފަރާތްތަކުގެ މަޢުލޫމާތު، ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް އާންމު ކުރާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.