ދައުވާ ލިބޭ ކުޑަކުދިންނާއި ޖިނާއީ ހުކުމް ތަންފީޒު ކުރާ ކުޑަކުދިންނަށް ހާއްސަ އިމްތިޔާޒުތަކާއި ހިމާޔަތްތަކެއް ލިބޭ ގޮތަށް "ކުޑަކުދިންގެ އަދުލުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަތޭކަސޯޅަ މާއްދާއެއްގެ މައްޗަށް އެކުލެވޭ ކުޑަކުދިންގެ އަދުލުގެ ބިލުގައި ބުނެފައިވާ ގޮތުން ކުއްޖަކު ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ. ނަމަވެސް 18 އަހަރުވުމާ ހަމައަށް އޭނާއަކީ ކުޑަކުއްޖަކު ކަމުގައި ބަލަންވާނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ކުޑަކުދިން އަދަލުގެ ނިޒާމުގެ ތެރެއަށް ވަންނައިރު، ކޮންމެ ކުއްޖަކާމެދު ފިޔަވަޅެއް އަޅަން ވާނީ "ރިކްސް އެސެސްމަންޓް" ހެދުމަށްފަހުގައެވެ. ކުއްޖަކަށް ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން ދައުވާ އުފުލައި ހުކުމް ކުރުމާ ހަމައަށް، އެ ކުއްޖަކާ މެދު ފިޔަވަޅު އަޅާނީ ކުރި އަމަލެއްގެ ބާވަތަށާއި އޭގެ ކުޑަބޮޑު މިނަށް ބެލުމަށް ހަދާ އެސެސްމަންޓަށްފަހުގައި ކަމަށް ބިލުގައިވެއެވެ.
ކުއްޖާގެ މައްސަލަ ތަހުގީގުކޮށް، ޖިނާއީ ދައުވާ އުފުލުމުގެ ކުރިން ހަދާ އެސެސްމަންޓަށްފަހު، ފިޔަވަޅު ނާޅައި ދޫކޮށްލުމާއި އަނގަބަހުން ނަސޭހަތް ދިނުމާއި ރަސްމީކޮށް އިންޒާރު ދިނުމަށްފަހު ދޫކޮށްލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ދިނުމަށް ކުޑަކުދިންގެ އަދުލުގެ ބިލުގައި ބާރު އަޅާފައި ވެއެވެ.
ބިލުގައި ބުނެފައިވާ ގޮތުން ކުޑަކުއްޖެއްގެ މައްޗަށް ކޮންމެހެން ދައުވާ އުފުލަންޖެހިއްޖެ ހާލަތެއްގައި ދައުވާ އުފުލައިފިނަމަ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެ މައްސަލަ އަވަހަށް ނިންމަންވާނެއެވެ. އަދި ދައުވާ އުފުލުމުގެ ބަދަލުގައި ކުއްޖާގެ އުމުރަށާއި ކުއްޖާގެ އިޖުތިމާއީ ހާލަތާއި ކުށުގެ ރެކޯޑަށާއި ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ޕީޖީ އޮފީހުން ބަލަންވާނެ ކަމަށް ބިލުގައިވެއެވެ. އަދި އެ އޮފީހުން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާ މައްސަލާއާ އެކު ކުއްޖާގެ އިޖުތިމާއީ ހާލާތު ވަޒަން ކުރާ ރިޕޯޓެއް ހަދައި، ދައުވާ ކުރާ ސަބަބު ކޯޓަށް ސާފުކޮށްދޭންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.
ކުޑަކުއްޖެގެ މައްޗަށް ޝަރީއަތް ހިންގަން ވާނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކަމަށާއި ޝަރީއަތުގައި ދައްކާ ވާހަކަތަކާއި ޒާތީ މައުލޫމާތާއި ކާކުކަން އެނގޭނެ އެއްވެސް މައުލުމާތެއް އާންމު ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ކުއްޖާގެ މައްޗަށް ޝަރީއަތް ހިންގާ މަޖިލީހަށް ބެލެނެވެރިންނަށް ހާޒިރުވެ ތިބެވޭނެ ކަމަށް އެ ބިލުގައިވެއެވެ.
އެ ބިލުގައިވާ ގޮތުން ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ، ހުކުމްކޮށްފިނަމަ، ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ބާރު ގާޒީއަށް ލިބިގެންވެއެވެ. އެގޮތުން ވަކި ޝަރުތުތަކެއް ކުރުމަށްފަހު، އެ ޝަރުތުތައް އެ ކުއްޖާ ފުރިހަމަކޮށްފި ނަމަ ހުކުމް ތަންފީޒު ކުރަން ނުޖެހޭނެއެވެ.