ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގޭ ގޮތަށް ސަރުކާރުގެ ފަރާތުން ޖަމިއްޔާތަކުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މޫސާ ނިޒާރު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގުމަކީ އެ ބިލުން ހުރަސް އަޅާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ރަޖިސްޓްރީ ނުކޮށް ހިންގާ ޖަމިއްޔާއެއްގެ ނަމުގައި މުދާ މިލްކުރުމާއި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި މިލްކުކުރުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ.
އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލާނީ އެ ޖަމިއްޔާއެއްގެ މެމްބަރުން ފަރުދީ ހައިސިއްޔަތުން ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ. ނަމަވެސް އެ ބިލުގެ ސަބަބުން ޖަމިއްޔާތަކަށް ލިބޭ އެއްވެސް އިނާޔާތެއް ނުވަތަ ލުޔެއް، ރަޖިސްޓްރީ ނުކޮށް ހިންގާ އެއްވެސް ޖަމިއްޔާއަކަށް ލިބިގެން ނުވާ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
ޖަމިއްޔާތަށް ރަޖިސްޓްރީނުކޮށް، ހިންގުމުގެ ބާރު އެ ބިލުން ލިބިދޭތީ ބަހުސްގެ މަރުހަލާގައި ބައެއް މެމްބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގުމާ އެއްކޮޅަށް މެމްބަރުން ވާހަކަފުޅު ދެއްކެވިއިރު، ބައެއް މެމްބަރުން އެއާ އެއްކޮޅަށް ވާހަކަފުޅު ދެއްކެވިއެވެ.
ބިލު ހުށަހެޅުއްވި މެމްބަރު މޫސާ ނިޒާރު ވެސް ވިދާޅުވީ ރަޖިސްޓްރީނުކޮށް ޖަމިއްޔާތައް ހިންގަން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ ކަމަށެވެ.
"ރަޖިސްޓްރީ ނުކޮށް ޖަމިއްޔާތައް ހިންގޭ ގޮތަށް އެ ފުރުސަތު ހުޅުވާލުމަކީ އަޅުގަނޑު ވެސް ގަބޫލު ކުރާ ގޮތުގައި ރަނގަޅު ކަމަށް ނުވެދާނެ. ސަބަބަކީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި އިޖުތިމާއީ ގޮތުން ވަރަށް ގިނަ މައްސަލަތައް އެބަ ދިމާވޭ. ޖަމިއްޔާއެއް، ޖަމާއަތެއް އެއްވެސް ތަނެއްގައި ހިންގުމަށްޓަކާ ކޮންމެ ވެސް ގޮތަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން،" ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު ވިދާޅުވިއެވެ.
ޖަމިއްޔާތަކުގެ ބިލު ހުށަހަޅާފައި ވަނީ ޖަމިއްޔާތަކުގައި ބައިވެރިވުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބިދިނުމަށާއި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކޮށް، ޖަމިއްޔާތަކުން މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެ މަގެއް، ފަހިކުރުން ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.