އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބްއާ މަޖިލީހުގެ ކޮމެޓީން އިންޓަވިއު ކުރުމުން، އެންމެ މަތިން މާކްސް ލިބިވަޑައިގެންފިއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލި 16 މީހުން މަޖިލީހަށް ހާޒިރުކޮށް އިންޓަވިއު ކުރީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. ހަބީބަށް ލިބިވަޑައިގެންނެވީ 90.28 ޕަސެންޓް މާކުހެވެ. ދެ ވަނައަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ ހ. އަމްސާވިލާ، އަހުމަދު މޫސާއަށެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 75.57 ޕަސެންޓެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް އިންޓަވިއުކުރުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރުހުން ދިނުމަށް އެކަށީގެންވާ ބޭފުޅުން ކަމަށެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ހަބީބާއި އަހުމަދު މޫސާއަށް އެކަންޏެވެ. އެ މަގަމަށް ކުރިމަތިލެއްވި އީސީގެ ކުރީގެ މެމްބަރު އަލީ މުހައްމަދު މަނިކަށް ލިބިވަޑައިގެންނެވީ 68.33 ޕަސެންޓް މާކްސްއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެެއްވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ފަހު، މާކްސް ދީފައި ވަނީ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ލީޑާޝިޕާއި ނަޒާހަތްތެރިކަމަށް ބެލުމަށްފަހުގައެވެ.
އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ މެމްބަރަކަށް މިހާރު ހުންނެވި އިސްމާއިލް ހަބީބުގެ މަގާމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވާތީއެވެ.
ހަބީބް އަށް އެންމެ މަތިން މާކްސް ލިބުނު އިރު ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހަބީބް ހިމެނިވަޑައިގަންނަވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.