ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކ. ގުރައިދޫ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ގުރައިދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވަދަކުރައްވާ އާދިލް ސަލީމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރުވެވަޑައިގަތުމަށް މިރޭ ފުރާވަޑައިގަންނަވާނެ ކަމަށާއި ދަތުރުފުޅުގައި ވަޑައިގަންނަވާނީ ހަމައެކަނި ކ. ގުރައިދޫ އަށް ކަމަށެވެ.
ހޫދު ވިދާޅުވީ މި ކެމްޕެއިން ދަތުރަކީ އެމްޑީޕީން ޚަރަދުކުރާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ހެނދުނު ފުރާވަޑާއިގަންނަވާފައެވެ.ގުރައިދޫ އަށް ވަޑައިގަތުމުގެ ކުރިން ހުރާ އާއި މާފުއްޓަށް ވެސް ވަޑައިގަންނަވާނެއެވެ.
މިއީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށި ފަހުން ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ހަރަކާތްތަކެވެ. އެމަނިކުފާނު މީގެ ކުރިން ވަނީ، އެމްޑީޕީގެ ޕްރައިމަރީގެ ތެރޭގައި ބައެއް ބޭފުޅުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ސޯލިހާ އެކު، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގެ ފޯރިި ގަދަކުރާއިރު، އެމްޑީޕީއަށް މެޖޯރިޓީ ލިބުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ސޯލިހް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ވެސް އެމްޑީޕީއަށް މެޖޯރިޓީ މުހިންމުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.