ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަން ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސްޓްރަކްޗަރ އަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ އެކު ފްލެޓްތަކުގެ އަދަދު 7،000 އިން 3،588 އަށް ތިރިވެގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރ އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވާތީ، އެއީ ހަގީގަތެއްތޯ ސާފު ކުރެއްވުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހައުސިން މިނިސްޓަރ މަޖިލިސްއަށް ހާޒިރުކޮށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އާތިފާ ވިދާޅުވީ ކުރީގެ ސަރުކާރުން ދޫކޮށްފައިވާ 7،000 ފްލެޓްގެ ސްޓްރަކްޗަރ އަށް ބަދަލުގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެ ބަދަލުގެ ސަބަބުން ފްލެޓްތަކުގެ އަދަދު 3،588 އަށް ތިރިވެގެންދާނެ ކަމަށެވެ.
ސަރުކާރުން ބަދަލު ގެންނަން ނިންމާފައި ވަނީ އެއް ކޮޓަރީ އާއި ދެ ކޮޓަރީގެ ފްލެޓްތަކަށެވެ. އެގޮތުން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ނިންމާފައި ވަނީ ތިންކޮޓަރިއަށް ބަދަލުކުރުމަށެވެ. އަދި އިމާރާތުގައި ލިފްޓް މަދުވުމުން ނުކުންނާނެ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ވެސް ސަރުކާރުން އަންނަނީ ބަލަމުންނެވެ.
" ބަދަލު ގެންނަން ނިންމާފައިވަނީ ދެ ކޮޓަރީގެ 1104 ހައުސިންގ ޔުނިޓް އަށާއި، ތިން ކޮޓަރީގެ 2484 ހައުސިން ޔުނިޓަށް ބަދަލު ކުރެވިގެންދާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ. މި ބަދަލާ އެކު ހައުސިންގ ޔުނިޓްތަކުގެ ޖުމްލަ އަދަދު 3،588 ހައުސިންގ ޔުނިޓަށް ބަދަލުވެގެންދާނެ،" އާތިފާ ވިދާޅުވިއެވެ.
ދެ ކޮޓަރީގެ ފްލެޓަކީ ކޮޓަރިއަކަށް 5 މީހުން އަދި ތިން ކޮޓަރީގެ ފްލެޓަކީ ކޮޓަރިއަކަށް ހަތް މީހުންގެ ގޮތުގައި ބެލުމުން އެއީ 22،908 މީހުންގެ ޖާގަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ހުރި ފްލެޓްތަކުގެ ސައިޒްއަކީ މިފަދަ އާބާދީއަކަށް އެކަށީގެންވާ ސައިޒެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މި ބަދަލު ގެންނަނީ އެ ފްލެޓްތަކަކީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަށް ހެދުމަށްޓަކައި ކަމަށް އާތިފާ ވިދާޅުވިއެވެ. މިހާރު ދެ ކޮޓަރީގެ ފްލެޓެއްގެ ބޮޑުމިނަކީ 550 އަކަފޫޓެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަދި އިމާރާތްކުރަން ނުފަށާ ހުރި 2500 ފްލެޓް ޑިޒައިންކޮށްފައި ވަނީ ވެސް ދެ ކޮޓަރީގެ ފްލެޓަށް ކަމަށާއި، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ފްލެޓްތައް ވެސް ތިން ކޮޓަރީގެ ފްލެޓްތަކަށް ބަދަލުކުރުމަށް ކަމަށް އާތިފާ ވިދާޅުވިއެވެ.
"މި ކަމާ ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން ބަދަލުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުން. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމަށް ހަވާލުކުރެވިފައިވާ ފަރާތްތަކަކީ ޝަރުތު ފުރިހަމަވެފައިވާ ފަރާތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ފްލެޓް ކޮމިޓީން މިހާރު ދަނީ ބަލަމުން،" އާތިފާ ވިދާޅުވިއެވެ.
މި ގެނައި ބަދަލާ އެކު ފްލެޓްގެ އަދަދު މަދުވި ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ފްލެޓް ދިނުމަށް ހޮވިފައިވާ މީހގުންގެ ތެރެއިން ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފްލެޓް އިމާރާތްކޮށް، އެ ފަރާތްތަކަށް ހައްގުވާ ފްލެޓް އެ ފަރާތަތަކަށް ދޭނެ ކަމަށް އާތިފް ވިދާޅުވިއެވެ. އެ ގޮތުން އެ ފަރާތްތަކަށް ފްލެޓް ދޭނީ ސަރުކާރުން މި އަހަރުގެ ތެރޭގައި ހަދަން ފަށާ 4،000 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރަށް 100 ދުވަސް ވެގެން ދިޔައިރު އަދި މިހާތަނަށް ހައުސިން މަޝްރޫއެއް އިއުލާނުކޮށްފައި ނުވި ނަމަވެސް ބައެއް ހައުސިން ޔުނިޓްތައް ވަނީ ބީލަމަށް ހުޅުވާލާފައެވެ.