މަޖިިލިސް 19 ގެ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާފައިވާ އެ ޕާޓީގެ މެނިފެސްޓޯ "އެޖެންޑާ 19" ގައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި ލާމަރުކަޒީ ސިޔާސަތުތަކާއި ބެހޭ ޕެނަލް ޑިސްކަޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، ނިޔާޒު ވިދާޅުވީ 2008 ވަނަ އަހަރު އެ ޕާޓީގެ ވެރިކަން އުފެދުނު ފަހުން އެންެމެ ފުރަތަމަވެސް ސަރުކާރުން ހުށައެޅި ގާނޫނަކީ ލާމަރުކަޒު ގާނޫނު ކަމަށެވެ. ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި އެއަށްވުރެ ވަކީން މޮޅު ނިޒާމެއް ނެތްކަމަށް ރައްޔިތުން ގަބޫލު ކުރި ނަމަވެސް މިވީހާތަނަށްވެސް ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގައިގެންފައި ނުވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
ލާ މަރުކަޒީ ނިޒާމެއްގެ މަގުސަދަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިކްރާތީ އަދި ޖަވާބުދާރީ ކުރުވުމުގެ އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފައި ކުރުވުންކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރައްޔިތުން ބާރުވެރިކުރުވައި އެންމެ ގާތުން ޚިދުމަތް ލިބޭނޭ މަގުފަހިކޮށްދިނުންކަމަށް ނިޔާޒު ވިދާޅުވިއެވެ.
2013 އަދި 2018 ގައިވެސް ރައްޔިތުންގެ ގާތަށް ދިއުމުން ފާހަގަކުރީ އެ މަގްސަދު ހާސިލް ނުވާކަމުގެ ޝަކުވާކަމަށް ނިޔާޒު ވިދާޅުވިއެވެ.
އެ ކަންކަން ހަރުދަނާ ގޮތެއްގައި ހާސިލްކުރުމަށް ލާމަރުކަޒީ ގާނޫނަށް މުހިއްމު ދެ ބަދަލެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ އެއީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ މިލްކުވެރިކަން ކަނޑައެޅުންކަމަށެވެ.
ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެނައުމަށް މި ދެ ބަދަލު ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.
ކަނޑުފަޅުތަކުގެ ނަފާއިން 40 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ގޮތް ހައްދައި، ރަށްތައް ތަރައްގީ ކުރުމުގައި، ޖަޒީރާވަންތަ ސިފަ ނުގެއްލޭ ގޮތަށް ތަރައްގީ ކުރާނެ ނިޒާމެއް އެޖެންޑާ 19 އިން ކަށަވަރުކޮށްދޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
"ދިވެހިން މިހާރު ބޭނުންވަނީ ގުދުރަތީ ސިފަ ނުގެއްލޭ ޖަޒީރާ ތަރައްގީ" އޭނާ ވިދާޅުވިއެވެ.