ރަސްމީދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ނޯވޭގެ ސްޓޭޓް ސެކްރެޓަރީ މެރިއަން ހޭގަން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ހޮނިހިރުދުވަހު ރާއްޖެއަށް ވަޑައިގެން ސްޓޭޓް ސެކެޓްރީ މެރިއަން ހޭގަންއާއި މިނިސްޓަރ ޝާހިދު ފޮރިން މިނިސްޓްރީގައި ބައްދަލު ކުރައްވައި، ދެމެހެއްޓެނިވި އިގްތިސާދާއި، ރައީސް ސާލިހުގެ އިގްތިސާދީ ސިޔާސަތު ތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދެގައުމަށް މުހިއްމު އެކި ދާއިރާތަކުން ދެބެފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މެރިއަން ހޭގަން ވަނީ މިދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް ނަސީމް އާއިވެސް އާދިއްތަ ދުވަހު ބައްދަލުކުރައްވާފައެވެ.
ނޯވޭގެ ސެކްރެޓަރީ މެރިއަން ހޭގަންގެ އިތުރުން ޔޫރަޕްގެ ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.
އެގޮތުން ޕޯޗުގަލްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒް އާއި ހޯމަ ދުވަހު ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މީގެ އިތުރުން ބެލްޖިއަމް އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ފްރެންސުއާ ޑެލްހާޔޭ އާއި އާދިއްތަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ތިން ސަފީރުންވެސް އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަރުވާފައިވަނީ އާދިއްތަ ދުވަހު އެވެ.