ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ކަޅުވަކަރު މިސްކިތުގެ ލަކުޑިގެ ބައިތަކަށް ފަރުވާ ދިނުމުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ހެރިޓޭޖު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހިރިގަލުގެ ބައިތަކަށް ފަރުވާދީ ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ލަކުޑިގެ ބައިތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަޅުވަކަރު މިސްކަތް ބެހެއްޓެވުމަށް ނިންމަވާފައި ވަނީ ޗާންދަނީމަގު، މެދުޒިޔާތްމަގާ ގުޅޭ ކަންމަތި، ކުރިން ދިރާގު ހެޑް އޮފީސް ހުރި ބިމުގައެވެ.
މިސްކިތް އަލުން ރާވާއިރު ބަހައްޓާއިރު އެސަރަހައްދު ހުންނާނެ ގޮތާއި އެކުރެހުންތައް މިހާރު ފައިންލް ކުރެވިފައިވާ ކަމަށާއި އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިހަފްތާތެރޭގައި އެސަރަހައްދުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މީލާދީ ގޮތުން 1789 ވަނަ ހަދާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވާނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއި އެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.