ނ. އަތޮޅު ލަންދޫގެ ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުގައި ލަންދޫ ކައުންސިލާ އެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން އެ ރަށުގެ ބަނދަރުގެ ދަތިކަމާއި މިސްކިތުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.
މި ވަގުތަށް އެރަށަށް އެންމެ ބޭނުންވަނީ ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވުމާއި، ޒަމާނީ ފެންވަރުގެ މިސްކިތެއް ރަށުގައި ބިނާކުރުންކަމުގައި ކައުންސިލް މެންބަރުން ރައީސް އަރިހު އެދިވަޑައިގަތެވެ.
ކައުންސިލްގެ އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ، ލަންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ އާއި 188 ކިލޯ މީޓަރު ދުރުގައި އޮންނަ ލަންދޫގެ އާބާދީގައި ދިރިއުޅެނީ 665 މީހުންނެވެ.