ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުދޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހުގެ ގެނައުމުގެ ބިލްއާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން މެންބަރު ރޮޒެއިނާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުން މިކަންކަމަށް އެއްބާރުލުންދޭ މަންޒަރު ނުފެންނަ ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ކޮރަޕްޝަން އާއުސް މިންތަކަކަށް ގެންދިޔަ ފަސް އަހަރު ކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ, ވައްކަން ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުގެ އިތުރުން ސޯޝަލް މީޑިއާގައި ފަހުރުވެރިމަމާއެކު ކޮރަޕްޝަންގެ ފައިސާއިން ހޯދައިފައިވާ ތަކެތި ޑިސްޕްލޭ ކުރަމުން ގެންދިޔަ 5 އަހަރު ކަމަށެވެ.
އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މަޖިލީހުގެ މެންބަރުން އެމީހުންގެ މުސާރައާ ނުބައްދަލު ވިޔަފާރިއެއް ނުކުރާ ވިޔަފާރިން ލިބޭ ފައިދާއާ ނުބައްދަލު ތަކެތި ގަނެގެން އިޝްތިހާރު ކުރަމުން ދިޔަތަން. އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު މުޅި މަޖިލީހަށް ގެންލިގެން ދިޔައީ. މިތަނުގައި ރަނގަޅަށް ތިބިމީހުން ވެސް މީހުންގެ ޝަކުވާއާ ޝައްކު ބޮލުގަ އަޅާގެން ތިބެން މަޖުބޫރުވެފައި މިތިބެނީ.
ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލަށް އިޝާރާތް ކުރައްވައި ރޮޒެއިނާ ވިދާޅުވީ އެބިލް އަބުރާ ކޮމެޓީއަށް ފޮނުވީ އެބިލްއަށް ގެނައި އިސްލާހުގައި އިތުރު ކަންތައްތަކެއް ހިމަނާފައިވާ ކަމަށް ބައެއް މެންބަރު ވިދާޅުވެ ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ބިލެއް ކޮމެޓީއަކުން ނިންމުމަށް ފަހު، މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވާ ކަމަށާއި، އޭގައި ހުރި އެއްޗެއް ބަލައި، ކޮމެޓީގެ މަސައްކަތުން ބޭރުން އެއްޗެއް ހިމެނިފައި އޮތްތޯ ބެލުމުގެ ފުރުސަތު ލިބޭ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން މިގެންދަނީ ކޮމެޓީން ހުށަހެޅި ބިލުގަ ކޮމެޓީން ނިންމި ގޮތާ ހިލާފަށް އިތުރު އެއްވެސް އެއްޗެއް ހިމަނާފައެއް ނުވާނެ. އެހެންވީމަ މީހަކު މިތަނަށް ސިޓީއެއްލާފަ އެހެން ބުނާއިރަށް އެއީ އެކަން ކުރިއަށް ގެންދަން ޖެހޭ ގޮތް ކަމަށް ވަންޏާމުން މިތަނަށް މިއަންނަ އެއްވެސް ބިލެއް ފާސްވެގެންދާނެހެނެއް ހިއެއްނުވޭ." ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ މީހަކު ލާސިޓީއަކަށް ބެލުމަށް ފަހު، ގޮތް ނިންމާނަމަ ކޮރަޕްޝަންއާ ބެހޭ އެއްވެސް ބިލެއް ފާސްވެގެން ނުދާނެ ކަމަށެވެ. އަދި ކޮންމެ ބިލަކާ ގުޅިގެން ވެސް އެކަންކަން ފޮރުވަން ބޭނުންވާ މީހުން ސިޓީތައް ފޮނުވާ އެކަން ހުއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.