އދ. ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގާ އުމުރުން 65 އަހަރުގެ މީހަކަށް އަނިޔާ ވެފައިވާ ކަމަށް އެ ރަށު ކައުންސިލްގެ މެންބަރު އިމްރާން އާދަމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ދިގުރަށުގެ ގޯއްޗެއްގެ ތެރޭގައި ހަދާފައި ހުރި ހަރުގެއެއްގެ ތެރޭގައި ހުރި ލަކުޑި ތަކެއްގައި ކަޅުތެޔޮ ލުމަށްޓަކައި އެ ތެޔޮ އެއްޗަށް ހޫނުކުރަން އުޅުމުގެ ތޭރެގައި ފިހިފައި ވަނީ އެރަށު އާސިމާ މަންޒިލް އުމުރުން 65 އަހަރުގެ އަބޫބަކުރު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އިމްރާން ވިދާޅުވީ އަބޫބަކުރު ފިހިފައިވަނީ އޭނާ ލައިގެން ހުރި ޓީޝާރޓްގައި އަލިފާން ހިފުމުން ޓީޝާރޓް ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އޭނާގެ ދެއަތުގެ އިނގިލިތަކުގެ އިތުރުން ހަށިގަނޑުގެ ބައެއް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އިމްރާނު ވިދާޅުވިއެވެ.
އެމީހާއަށް އެ ރަށުގެ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ގެއަށް ފޮނުވާލަން ތައްޔާރުވަމުންދާކަމަށް އިމްރާން ވިދާޅުވިއެވެ.
މި ހާދިސާގައި ހަރުގޭގައި ހުރި ކުޑަދޯންޏެއްގެ ކުރީކޮޅު އަނދާފައިވުމުގެ އިތުރުން އެ ސަރަހައްދުގައި ހުރި ރުކެއްގައި ރޯވެ ރުކަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.