ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދެ ގައުމު އެކުގައި މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފިއެވެ.
މި ފަހުމުނަމާގައި ސޮއިކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އާދިއްތަ ދުވަހު ބޭއްވި ބައްދަލު ވުމުގައެވެ.
ރާއްޖޭގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނު ކަމަށާއި ސައޫދީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގައުމުގެ ސިއްހަތާއި ބެހޭ ވަޒީރު ޑރ. ޓައުފިގު ފައުޒާން އަލް ރަބިއަޙު ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.
މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމުގައި ސައޫދީގެ އެހީތެރިކަން ލިބިގެން ދިއުމުގެ އިތުރުން ސިއްހީ މަރުކަޒުތައް އިތުރަށް ތަރައްގީ ކުރުމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމުގައި ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބިގެން ދާނެ ކަމަށް ހެލްތުމިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ދިވެހި ރާއްޖެއާއި ސައުދީ އަރަރބިއްޔާއާއި ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުވާ ލައްވައި ސައުދީން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރ އަމީން ވަނީ ސައޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައޫދީ އަރަބިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާ ތަކާއި ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.