ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް އެދި ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބޭ ކަމަށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އުފައްދާފައިވާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފި އެވެ.
ޕީއެންސީން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ ރައީސް ޔާމިން ހައްޔަރު ކޮށްފައިވާ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން ވެސް އެކަށީގެންވާ ޖަވާބެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
"ރައީސް ޔާމިން ބަންދުގައި ހުންނަތާ 14 ދުވަސް ވީއިރުވެސް މިކަމާ ގުޅިގެން އެއްވެސް ވަރަކަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި ނަތީޖާ އަދިއެއް ނުފެނޭ. ރައީސް ސޯލިހްއާ އަޅުގަނޑުމެން ބައްދަލުކުރި ދުވަހު ވެސް އެމަނިކުފާނު ވިދާޅުވި ތިމަންނަ އެބަ ބައްލަވަމޭ. ތިކަމާ އެޓެންޑްވެވަޑައިގަންނަވާނަމޭ. އެހެން ނަމަވެސް މިހާތަނަށް އައިއިރު އެބަ ބައްލަވަމޭ ކިޔާފައި އަޅުގަނޑަށް ކުރި މެސެޖްފިޔަވާ އިތުރު އެއްވެސް ކަމެއް ފާހަގަ ކުރެއްވިފައިނުވޭ. އަދި އޭގެ ފަހުން އަޅުގަނޑުގެ ކޯލަކަށް ޖަވާބެއް ވެސް ނުދެއްވާ" އަބްދުއް ރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމިން ބަންދުގައި ބަހައްޓާފައިވާ މައްސަލައިގައި ހިއުމަންރައިޓްސް ކޮމިޝަނަށް ވެސް މައްސަލަ ހުށައެޅި ނަމަވެސް އެކަމުގައި ވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ ހަމައެހެންމެ ރައީސް ޔާމިން ހައްޔަރުކޮށްފައި ހުންނަތާ 14 ދުވަސްވީއިރު ވެސް ޓްރާސްޕޭރެންސީ މޯލްޑިވްސް ނުފެންނާތީ އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ޖަމިއްޔާއަށް ވެސް އަބްދުއްރަހީމް ފާޑު ވިދާޅުވި އެވެ.
"އޭގެ އިތުރުން ބައިނަލް އަގުވާމީ މުޖުތަމައުއާވެސް އަޅުގަނޑުމެން މި ދަނީ މިކަމުގައި މަޝްވަރާ ކުރަމުން. ދެން އޭގެ އަސަރު އެބަ ފެންނަމުންދޭ ކޮންމެވެސް ވަރަކަށް،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމިން ބަންދުގައި ބަހައްޓައިގެން އުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބައްދަލު ވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކްނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމިން ބަންދުގައި ހުންނަވާތާ 14 ދުވަސްވީއިރު ވެސް ސުވާލެއް ވެސް ކޮށްނުލައްވާ ކަމަށެވެ. ސައީދު އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމިން ބަންދުގައި ހުންނެވީ ތަހްގީގަކަށް ނޫނެވެ. އެމަނިކުފާނު ބަންދުގައި ހުންނެވީ ތަހްގީގު ނިންމައި ޕީޖީ އުފުލި މަނީލޯންޑަރިންގެ ދައުވާއަކާ ގުޅިގެން ޝަރީއަތް ނިމެންދެނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިން އެގޮތަށް ބަންދުގައި ބެހެއްޓެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރައީސް ޔާމީނަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް އަނިޔާވެރިވަމުން ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން އިންތިހާބުކުރުމަށް ގޮވާލައްވާފަ އެވެ.