އެމްޑީޕީގެ ފަރާތުން ޝާއިރު ކޮށްފައި ހުރި ފޮޓޯތަކާއި ޕޯސްޓަރުތަކާއި ސްޓިކާތަކާއި ނިޝާންތައް ނާޖާއިޒް ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި އެވެ.
އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބާ ބެހޭ ޝަކުވާއެއްގެ ގޮތުގައި މި މައްސަލަ ހުށައަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އެމްޑީޕީގެ ފަރާތުން ޝާއިރުކޮށްފައި ހުރި ފޮޓޯތަކާއި ޕޯސްޓަރުތަކާއި ސްޓިކާތަކާއި ނިޝާންތައް ބޭނުން ކޮށްގެން ނުވަތަ އެއަށް ނަގުލީ ސިފަ ގެނެސްގެން ބޭނުން ކުރަމުންދާ ކަމަށް އެ ފަރާތުން ތުހްމަތު ކޮށްފައިވަނީ މި އިންތިހާބުގައި ނައިފަރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަބްދުﷲ އަބްދުލް ހަކީމާއި އޭނާގެ ކެމްޕެއިން ޓީމުގައި އުޅޭ އަބްދުﷲ ވަދީފުގެ މައްޗަށެވެ.
އެ މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ ފަރާތުން ޝާއިރުކޮށްފައި ހުރި ފޮޓޯތަކާއި ޕޯސްޓަރުތަކާއި ސްޓިކާތަކާއި ނިޝާންތަކަށް ނަގުލީ ސިފަ ގެނެސްގެން ފޭސްބުކްގައާއި ވައިބަރ ގުރޫޕްތަކުގައި ބޭނުން ކުރަމުންދާ ކަމަށެވެ.
ދިވެހި ރާއްޖޭގެ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އައިސްދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެހެން އެއްވެސް ކެންޑިޑޭޓަކާ ބެހޭ ގޮތުން ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލައާއެކު ހެކީގެ ގޮތުގައި އެމްޑީޕީން ބޭނުން ކުރަމުންދާ ކެމްޕެއިން ޕޯސްޓަރެއްގައި ޖޭޕީގެ ކެންޑިޑޭޓުގެ ފޮޓޯ ހިމަނާފައިވާ ޕޯސްޓްތައް ހުށައަޅާފައިވެ އެވެ.