ކުދި ވިޔަފާރިތަކުގެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތުގެ ފީތައް ބީއެމްއެލް އިން ކަނޑާލައިފިއެވެ.
ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައި، އެ ޚިދުމަތް ލިބިގަތުމަށްޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއް ފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ މާޗް 1 އިން ފެށިގެން ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ޚިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.
"އީ-ކޮމަރސް ގެ ޚިދުމަތް ދިވެހިރާއްޖޭގަައި ވެސް ދަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން. މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭގެ ޚިދުމަތް ހޯދާ 112 މަރޗަންޓުން އެބަތިބި. އަދި މިދިޔަ އަހަރު އަޅުގަނޑުމެންގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ. ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާ ވެސް ލުއިފަސޭހަކޮށް މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް. ކަސްޓަމަރުން ދެއްވި ޚިޔާލާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ. އަޅުގަނޑުގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން މި ޚިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީ-ކޮމަރސްގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިޔުން،" މި ބަދަލާ ގުޅޭ ގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ދެމުންނެވެ. މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިންގ އަދި ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ވެސް ހިމެނެއެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށް ވުރެ ގިނަ މުޢާމަލާތްކޮށްފައި ވެއެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުޢާމަލާތްތަކުގެ %90 އަށް ވުރެ ބޮޑު އަދަދެކެވެ.