ރައްޔިތުންގެ މަޖިލީހުގެ ވާދަކުރާ މެމްބަރުން ކަނޑައެޅުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީން ބަލިވެ އަމިއްލަ ގޮތުން ވާދަކުރާ މެމްބަރުންނަކީ ޕާޓީއަށް އެންމެ ބޮޑަށް ބޭވަފާތެރިވި މީހުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިން ހޮނިހިރު ކުރިއަށް ގެންދިޔަ ޕޯސްޓަރ ހަރުކުރުމާއި ބިލްބޯޑު ހަރުކުރުމުގެ ތެރެއިން ހެންވޭރު ދެކުނަށް ނިސްބަތްވާ ރައްޔިތުންނާ މުހާތަބްކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރުން މުހިންމު ކަމަށާއި އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބުގައި ހެންވޭރު ދެކުނު ދައިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ އަނދުން ހުސައިން ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ވޯޓް ދޭންވީ އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓަކަށް ނޫން ކަމަށާއި ހުސައިން އަށް ވޯޓް ދެއްވުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ މިސްރާބުޖަހާފައިވާ މި ނިޒާމުގައި އެންމެ މުހިންމުކަމަކީ ވަފާތެރިވުން ކަމަށެވެ.
" އެމްޑީޕީ ވަނީ އެތެރޭގެ އިންތިހާބެއް ބާއްވާފަ. އިންތިހާބު ކާމިޔާބު ކުރީ އަނދުންގެ ހުސައިން. ހުރިހާ މެމްބަރުން ވެސް ހުސައިން އަށް ވޯޓު ދެއްވުން އެއީ ކޮންމެހެން ބޭނުންތެރިކަމެއް. ޕާޓީގެ ކުރީގައި އުޅުއްވާފައިވީ ނަމަވެސް ވަކިން ކުރިމަތިލާ ކަމަށް ވަނީ ވިއްޔާ އެޔަށް ވުރެން ބޮޑަކަށް ހަގީގަތުގައި ބޭވަފާތެރިއެއް ނުވެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ޕާޓީގެ ޕްރައިމަރީން ބަލިވި މިހާރު އެ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ރުކުމާ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުނަށް ވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނިކޮށެވެ. އަދި މަޖިލިސް އިންތިހާބުގައި އަމިއްލަ ހައިސިއްޔަތުން ވާދަ ކުރެއްވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް ވެސް ރުކުމާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.