މި އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދީފައި ވަނީ އެމް7 ޕްރިންޓާސް އިންނެވެ. އެ ފަހަރު އެމްސެވެން އިން ވަނީ 264,756 (ދެލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތްސަތޭކަ ފަންސާސް ހައެއް) ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައެވެ.
ހޮނިހިރު ދުވަހު އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އީސީ އިން ދޭ މަޢުލޫމާތާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުކަރުދާސް ޗާޕުކޮށްދޭނެ ފަރާތްތެއް ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިތުރު މައުލޫމާތު ދިނުން މާޗް މަހުގެ 4 ވަނަ ދުވަހުގެ 14:00 ގައި އެކޮމިޝަނުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށައެޅުމަށް އެކޮމިޝަނުން ދީފައިވާ ފަހު ތާރީހަކީ މާޗް މަހުގެ 10 ވަނަ ދުވަހުގެ 14:00 އެވެ.
އީސީ އިން ބުނީ ބީލަން ހުޅުވުން އޮންނާނީ މާޗް މަހުގެ 10 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެ ކޮމިޝަންގެ ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާގައި ކަމަށެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އިތުރުން ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ވޯޓު ކަރުދާސް ޗާޕްކުރުމާ ބެހޭ އިތުރު މައުލޫމާތު އެކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން އީސީ އިން އިއުލާން ކޮށްފައިވާއިރު، އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގައި ފުލުހުންގެ ދައުރު ބޮޑު ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފުލުހުންނާ މަޝްވަރާކޮށްފައެވެ. އެގޮތުން މަޖިލީހުގެ އިންތިހާބުގައި އީސީ އާއި ފުލުހުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ވޯޓު ފޮށިތައް އުފުލުމާއި ސަލާމަތީ ލޮޖިސްޓިކް މަސައްކަތްތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި އެމް7 މެދުވެރިކޮށް ވޯޓު ކަރުދާސް ޗާޕްކުރި އިރު ގިނަ އަޑުތަކެއް ފެތުރިފައި ވެއެވެ. އިންތިޚާބުގެ ކުރިން ވޯޓު ކަރުދާސްތަކާ މެދު އެމްޑީޕީން އާއި އެ ޕާޓީން ގުޅިފައިވާ ފަރާތްތަކުން ޝަކުވާތަކެއް ކުރި އިރު އިންތިޚާބު ނިމުމަށް ފަހު ޕީޕީއެމް އިން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ފާހަގަ ޖެހުމުން ވަކި ވަގުތެއް ވުމުން ފާހަގަ ފުހެވުމާއި ފާހަގަ އެހެން ގޮޅިއަކަށް ބަދަލުވުމާއި މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ޕީޕީއެމް އިން ކޮށް އަދި ވޯޓު ބާތިލުކުރުމަށް އެ މައްސަލަތައް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެމް7 އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ސުޕްރީމް ކޯޓުން ވެސް ނިންމީ އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.