ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީރެޖިސްޓްރީވުމުގެ މުއްދަތު މިރޭ 10:00 އަށް އިލެކްޝަންސް ކަމިޝަނުން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކަމިޝަނުން ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު ކުރިން ހުޅުވާލީ ހޮނިހިރު ދުވަހުގެ 3:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީރެޖިސްޓްރޭޝަންގެ މުއްދަތު އިތުރު ކުރީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. މިހާތަނަށް 8500 މީހުން ރީ ރެޖިސްޓަރ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރީ ރެޖިސްޓަރ ވުމުގެ މުއްދަތު އަޅުގަނޑުމެން އިތުރުކޮށްފައިވަނީ މިރޭ 10:00 އާ ހަމައަށް. އެއީ ގިނަ ބައެއްގެ އެދިފައި ވާތީ،" އަކްރަމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖަލުތަކާއި، ވޯޓުފޮށި ނުބަހައްޓަން ނިންމި ރިސޯޓުތަކުގައި ވޯޓުލީ މީހުން، އެ މީހުންގެ ދާއިމީ ރަޖިސްޓްރީ އަށް ބަދަލު ކުރެވިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރީ-ރެޖިސްޓްރީ ކުރަން ޖެހެނީ، ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ނަމަައެވެ.
އަންނަ އެޕްރިލް 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ބަހައްޓާނީ 507 ފޮށްޓެވެ. މި ފަހަރުގެ އިންތިހާބުގައި 264،589 (ދެ ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްސަތޭކަ އަށްޑިހަނުވައެއް) މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.