ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރާއިރު، ހިނގާ ހާދިސާތަކުގެ ފިޔަވަޅު އެޅުމުގެ ބާރު ސިޓީ ކައުންސިލަށްދީފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ހުޅުމާލޭގައި ކޮންސްޓްރަކްޝަން ސައިޓްތައް ބަލަހައްޓާ، ހިނގާ ހާދިސާތައް ބަލަމުން އައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށެވެ. ނަމަވެސް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނީ ގޮތުން އެޗްޑީސީއަށް ނުލިބޭތީ މި މަސައްކަތް ކުރުމަށް ސިޓީ ކައުންސިލްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެޗްޑީސީން ހަފްތާ އެކު އެއް ފަހަރު ރިޕޯޓު ފޮނުވުމުން އަޅަންޖެހޭ ފިޔަވަޅުތައް ސިޓީ ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު އެ މަސައްކަތް ކުރާނެ ކަމަށެވެ.
ޝަމާއު ވިދާޅުވީ ފިޔަވަޅު އެޅުމުގެ ބާރު ދީފައި ވަނީ ކުރެވުނު މަޝްވަރާގެ ތެރެއިން ކަމަށާއި، ނަމަވެސް ރައީސް އޮފީހުން ރަސްމީކޮށް މަސައްކަތް ހަވާލުނުކުރާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް ހަވާލުކުރެވި، މަސައްކަތްތައްފުޅާ ކުރުމުގެ ގޮތުން ހުޅުމާލޭގައި ވެސް ސިޓީ ކައުންސިލްގެ އޮފީހެއް ގާއިމްކުރާނެ ކަމަށެވެ.
ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ފެބްރުއަރީ 18 ވަނަ ދުވަހު ވެއްޓުނު ގަލަކުން ޖެހި މަރުވި ބިދޭސީމީހާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޝަމާއު ވިދާޅުވީ މިހާތަނަށް އެމައްސަލަ ބަލަމުން އައީ ޕްލޭނިން މިނިސްޓްރީން ކަމަށާއި، އެހާދިސާގެ ރިޕޯޓު ސިޓީ ކައުންސިލަށް ލިބުމުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި އައިއެންއެންއެފް ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި 44 އަހަރުގެ ބަގްލަދޭޝް ފިރިހެނެއް މަރުވެފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ހަދަމުންދާ ޓަވަރެއްގެ ނުވަ ވަނަ ބުރިން ވެއްޓި ޗައިނާ މީހަކު ހޮނިހިރު ދުވަހު ވަނީ މަރުވެފައެވެ.