ދެން މި ގައުމުގައި ބަޣާވާތެއް ނުކުރެވޭނެ ކަމަށާއި އަދި އެމްޑީޕީގެ ވެރިކަން ވައްޓާވެސް ނުލެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ސިޔާސީ އިސްވެރިންތަކާ ފުލުހުންނާއި ސިފައިން ހިންގި ހަމަނުޖެހުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދު ހުކުރު ވިދާޅުވީ ރައްޔިތުންގެ ގިނަ ބައެއްގެ އެދުމުގެ މަތިން އެމްޑީޕީ މިހާރު ވަނީ ވެރިކަމަށް އެނބުރި އައިސްފައި ކަމަށެވެ.
ދުވަހު އެމްޑީޕީން ބޭއްވި ހިނގާލުމަށް ފަހު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުގެ ބޭނުން އިންތިހާއަށް ބޮޑު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުވެގެން ނުވާނެކަމަށް ރައްޔިތުންނަށް ވަނީ އޮޅުންފިލާފައި ކަމަށާއި "އެޖެންޑާ 19" އެކުލަވާލާފައިވަނީ ވެރިކަން ފަސް އަހަރު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާއަކާ ދެން މި ރާއްޖޭގައި ބަޣާވާތެއް ނުކުރެވޭނެ. އަޅުގަނޑުމެން ނިކުމެ މި ތިބީ ވައްޓާލީމަ ތެދުވެ. ދެނެއް އަޅުގަނޑުމެނެއް ވައްޓައެއް ނުލެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހެޔޮވެރިކަމެއް ކޮށްދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އަބަދުވެސް އަވަދިނެތި މަސައްކަތްކުރަނީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށެވެ.
"އެޖެންޑާ 19 އަކީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ފުއްދާދިނުމަށް އެކުލަވާލާފައިވާ ޕްރޮގުރާމެއް. އިރާދަކުރެއްވިއްޔާ އެ މަޝްރޫއުތައް ތަންފީޒު ވެގެންދާނެ. ރާއްޖޭގެ ރައްޔިތުން ތިޔަ އެދޭ ބަދަލު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް ފޯރުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ހަނދާން ކޮށްދެއްވުމުގެ އެންމެ މުހިންމު ވަސީލަތައް ކަމަށެވެ. އަދި "އެޖެންޑާ 19" އަކީ ރައްޔިތުންގެ ބޭނުންތައް އޮޅުވުން ފިލުވުމަށް ފަހު އޭގެ މައްޗަށް ތައްޔާރުކޮށްފައިވާ ސިޔާސަތުތަކެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަޖިލިސް 19، ތިޔަ ބޭފުޅުންނަށް ގޯއްޗެއް ހޯދާދޭނެ. މަޖިލިސް 19 ދަރިވަރުންނަށް ލޯނެއް ހޯދާދޭނެ. މަޖިލިސް 19 އެންމެ ކުޑަ އުޖޫރަ ކަނޑައަޅާދޭނެ. މަޖިލިސް 19 އިންސާފު ގާއިމުކޮށްދޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ ކެންޑިޑޭޓުންނާއެކު ބޭއްވި ހިނގާލުމުގައި އެޖެންޑާ 19 ގެ ސިޔާސަތުތައް ވަނީ ވިދާޅުވެ ދެއްވާފައި އެވެ. ބައެއް ބޭފުޅުން ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ މުހިންމު ބޭނުންތައް ގާނޫނަކުން ކަނޑައެޅިގެންދާނީ "އެޖެންޑާ 19"އިން ކަމަށެވެ.
މިއަދުގެ ސަރުކާރުން ބޭނުންވި ބައެއް ބިލްތައް މިހާރު ހިނގާ މަޖިލީހުން ފާސްނުކުރެވިދާކަން ފާހަގަ ކުރައްވައި ބައެއް ކެންޑިޑޭޓުން ވިދާޅުވީ އެ ބިލްތައް ސަރުކާރުން ބޭނުންވާ ގޮތަށް ފާސްވެގެންދާނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހެއްގައި ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުވާން ބޭނުންވަނީ އެތަނަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ތަނަކަށް ހަދައި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށްވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައި އެވެ.