އިންސާނިއްޔަތު ދުއް އެންމެ ނުރައްކާތެރި ވަބާއަކީ ދުންފަތް ކަމަށާއި އެއީ ހިމޭން ޤާތިލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ، ދުނިޔޭގެ ސިއްހީ ބޮޑެތި ޖަމިއްޔާތަކާއި، ސިއްހީ މާހިރުންވެސް ދުންފަތުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ގެއްލުންވާ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ ގެއްލުންހުރި އެއް ބާވަތަކީ ސިނގިރޭޓު ކަމަށެވެ.
" އެ ރޯކޮށްލީމާ މަޑުމަޑުން އަނދައި އަޅިއަށްވެ، ހުލިވެގެންދާ ފަދައިން އެ އިސްތިއުމާލުކުރާ މީހާއާއި، އޭނާގެ ފައިސާވެސް މަޑުމަޑުން އަނދައި ހުލިވާން ފަށައެވެ. އެންމެ ފަހުން ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއްގެ އަސީރަކަށްވެ، މި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހެއެވެ. ރާއްޖޭގެ ގިނަ މީހުން އެކި ބަލިތަކުގައި މަރުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކަނޑައެޅިގެން އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ ދުންފަތާއި ސިނގިރޭޓު ފަދަ ތަކެތި އަމިއްލަ އިޚުތިޔާރުގައި ބޭނުން ކުރުމެވެ. " ޚުތުބާގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، ދުންފަތުގެ ސަބަބުން އަހަރަކު ތިން މިލިއަން މީހުންގެ ފުރާނަ ދާ ކަމަށާއި، 2020 ވަނަ އަހަރާ ހަމައަށް އެ އަދަދު 13 މިލިއަނަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ޤާނޫނުތައް ހެދިފައިވާކަން ބަޔާންކުރަމުން ޚުތުބާގައި ބުނީ، ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައި ހުރި ނަމަވެސް އެއަށް އަމަލު ކުރަނީ މަދު ބައެއް ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މޮޅު ކަމެއް ކަމަށް ގިނަ މީހުންދެކޭ ކަމަށެވެ.
" މިއަދު ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައި ހުރި ނަމަވެސް އޭގެ މައްޗަށް އަމަލުކުރަނީ ކިތައް މީހުންހެއްޔެވެ؟ އެ ޤާނޫނުތަކުގައި ވަކި އުމުރެއްގެ ކުދިންނަށް ސިނގިރޭޓު ވިއްކުން މަނާކޮށްފައި ނުވޭހެއްޔެވެ ؟ ނަމަވެސް ވަކި އުމުރުފުރައަކަށް ބެލުމެއްނެތި ސިނގިރޭޓު ވިއްކަމުން ނުދޭ ހެއްޔެވެ ؟ ސިނގިރޭޓު ބުއިން މަނާ ސަރަހައްދު ތަކުގައި ކެނޑިނޭޅި ސިނގިރޭޓު ބޮމުންދާއިރު، އެ މަންޒަރު ފެންނަނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއަދު ދިވެހިރާއްޖޭގައި އެންމެ ހަގު އުމުރުފުރާއިން ފެށިގެން ދޮށީ އުމުރުފުރާގެ މީހުންނަށް ދާންދެން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އެއި މޮޅު ކަމެއް ކަމުގައާއި، ރީތި އާދައެއް ކަމުގައި އެ ބޭނުންކުރާ ބައެއް މީހުން ދެކެއެވެ. " ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އެހެން ބުނެފައިވާއިރު، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ޢަމަލު ކުރާނެ އުޞޫލުތަކެއް ކަނޑައަޅާ، ޤާނޫނުތަކާ ޤަވާއިދުތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.