އަންހެން ސިފައިންނަކީ ދިވެހި އަންހެނުންނަށް މިސާލެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝަމާލް ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބާގައި ދެއްވި ޚާއްސަ މެސެޖްގައި ދިވެހި އަންހެ ސިފައިނަށް މަރުހަބާ ދަންނަވާ މޭޖަރ ޝަމާލް ވިދާޅުވީ، ވޭތުވެ ދިޔަ 30 އަހަރު ދިވެހި އަންހެން ސިފައިން ދައްކުވައިދިނީ، ފިސާރި ކެރިގެން ހުށިޔާރު ކަންމަތީ ސާބިތުކަމާއި، އެކީ ފިރިހެނުންނާއި އެކީގައި ހަމަހަމަކޮށް މަސައްކަތް ކުރަމުން ދިޔަ ތަން ކަމަށެވެ.
އަންހެން ސިފައިންނަށް ސާބަސް ދަންނަވަމުން މޭޖަރ ޝަމާލް ވިދާޅުވީ، ދިވެހި އަންހެންނުންނަށް މިސާލު ދައްކަމުންދާ ކަނބަލުން ކަމަށެވެ. އަދި ފިރިހެން ސިފައިންނާއި އެއް ހަމައެއްގައި އަންހެން ސިފައިން މަސައްކަތް ކުރަމުން ގެންދާކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރުވެގެން ދިޔަ އިރު، ސިފައިންގެ އެކި ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ ކަމަށް މޭޖަރ ޝަމާލް ފާހަގަކުރެއްވިއެވެ. އަދި އިތުރު ކަނބަލުން ސިފައިންގެ ޚިދުމަތަށް ނުކުންނެވުމަށް ޝަމާލު ގޮވާލެއްވިއެވެ.
"އަޅުގަނޑު އެދެނީ އަންހެން ކަނބަލުން މި ޚިދުމަތާއި ގުޅިވަޑައިގެންނެވުން. އަދި ކަނބަލުންނަށް މި ޚިދުމަތަށް ބަލާއިރު 'ސްކައި އިޒް ދަ ލިމިޓް' އޭ އަޅުގަނޑު ދޭން ބޭނުންވަ މެސެޖަކީ," މޭޖަރ ޝަމާލް ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ ޚިދުމަތައި އެންމެ ފުރަތަމަ ގުޅުނު ދެކަނބަލަކު އަދިވެސް ސިފައިންގެ ޚިދުމަތުގައި ދެމި ތިއްބެވި ކަން ފާހަގަކުރައްވަމުން މޭޖަރ ޝަމާލް ވިދާޅުވީ، ސިފައިންނަށް މަތިކުރެވިފައިވާ ގައުމީ ވާޖިބު އަދާކުރުމުގައި ދިވެހި އަންހެން ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ސިފައިންގެ މަދު ދާއިރާއެއް ފިޔަވާ ހުރިހާ ދާއިރާއެއްގައި އަންހެން ސިފައިންގެ ހިއްސާ ވަރަށް ބޮޑު ކަަަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.
ދިވެހި އަންހެން ސިފައިންނަކީ ނަމޫނާ ބައެއްކަމަށާއި، ގައުމަށް ޚިދުމަތްކޮށްދެވިދާނެ ވަރަށް ގިނަ ދާއިރާތައް ސިފައިންގެ ޚިދުމަތުގެ ތެރޭގައި އެބަހުރިކަމަށް ވިދާޅުވަމުން، މި ޚިދުމަތާއި ވީހާވެސް ގިނަ ކަނބަލުން ގުޅިވަޑައިގަތުމަަށް މޭޖަރ ޝަމާލް އެދިވަޑައިގެންނެވިއެެވެ.
ޤައުމީ ދިފާޢީ ބާރުގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބާގައި ދެއްވި ޚާއްސަ މެސެޖް ނިންމަވާލައްވަމުން މޭޖަރ ޝަމާލް ވަނީ ސިފައިންގެ ޚިދުމަތުގައި މިހާރު ތިއްބެވި އަންހެން ކަނބަލުންގެ ކުރިއެރުމަށް އެދިވަޑައިގެންފައެވެ.