ދ.އަތޮޅު ކައުންސިލްގެ އާ އިމާރާތް ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އެވެ.
އިމާރާތް ހުޅުއްވައިދެއްވުމަށްފަހު އަތޮޅު ކައުންސިލްގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޅި ގައުމުގެ ތަރައްގީއާ، ގައުމުގެ ކުރިއެރުމާއި، ކުރިމަގަށް ވިސްނާ ފިކުރު ކުރާއިރު މިފަދަ ކަންކަމަކީ ކުރިމަގަށްޓަކައި އަލިކުރެވިގެންދާ ބައްތިތަކެއް ފަދަ ކަންކަން ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ގައުމެއް ކުރިއަރާ ތަރައްގީ ވެގެންދާނީ އެގައުމެއްގައި ދިރިއުޅޭ ރައްޔިތުން ކުރިއަރާ ތަރައްގީވުމަށް މަގުފަހިކުރެވޭ މިންވަރަކުން ކަމަށެވެ.
" އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރާއްޖޭގައި މިއަދު ލާމަރުކަޒީ ނިޒާމް އުފަންކުރެވި، ބިނާކުރެވި ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާހިނދު، އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގާތުން ފަސޭހަ ފުރިހަމަ ޚިދުމަތްތަކެއް ދިނުމީ މިއަދު އަޅުގަނޑުމެންގެ ޤައުމު އެންމެ ބޭނުންވެފައިވާ އެންމެ މުހިއްމު އެއްކަންތައް " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެވިސްނުމުން ބަލާއިރު ހުޅުވި އަތޮޅު ކައުންސިލް އިމާރާތަކީ ދ.އަތޮޅަށް އަދި އެ ސަރަހައްދަށްވެސް މުހިންމު ބިނާއެއް ކަމަށެވެ. އެކަށީގެންވާ، ފުރިހަމަ އިމާރާތުން ރައްޔިތުންނަށް އެކަށީގެންވާ ފުރިހަމަ ޚިދުމަތްތައް ދިނުމަށް މިނިސްޓަރ އެދިވަޑައިގެންވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ މިނިސްޓަރ ހުޅުއްވައިދެއްވި ދ.އަތޮޅު ކައުންސިލްގެ އާއިމާރާތަކީ 1000 އަކަފޫޓްގެ ދެބުރި އިމާރާތެކެވެ. އެ އިމާރާތަށް 6.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.