ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުގުވެރިކުރުމުގެ ކުރުމުގެ ގޮތުން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ތަމްރީން ކޮށްދޭ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އިއުލާން ކޮށްފިއެވެ.
ބުދަ ދުވަހު އެގްރިކަލްޗަރ މިނިސްޓްރީއިން ކުރި އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މި އަހަރު ތެރޭގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމުގައި، ދަސްކޮށްދޭން ހަމަޖެހިފައިވަނީ ހައިޑްރޯފޯނިކްސް ނިޒާމު ގާއިމްކުރާނެ ގޮތްތަކެވެ. އެގޮތުން ކުޑަ ބިންކޮޅެއްގައި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރަން ޒުވާނުން ތަމްރީން ކޮށްދޭން ވަނީ ހަމަޖެހިފައެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. އަދި ހައިޑްރޯފޯނިކްސް ނިޒާމް ގާއިމްކޮށްދޭން ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައި ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ޕްރޮގްރާމްގައި ބައިވެރިކުރާނެ ރަށްތަށް ކަނޑައެޅުމުގައި ހައްދާ ބާވަތްތައް ގަންނަން ތައްޔާރަށް ތިބި ގެސްޓްހައުސްތައް ހުރި ރަށްތަކާއި މިހާރު ތަރުކާރީގެ ބާވަތްތައް އެތެރެކުރާ ރަށްތަކަށް އިސްކަން ދެވޭނެ ކަމަށް ނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ރަށުގެ އާބާދީއަށާއި، ވިއްކާ ތަކެތީގެ ހަމަ އަގު ލިބޭނެ ރަށްތަކަށާއި ގޯތި ތެރޭގައި މި މަސައްކަތަށް ޖާގަ ލިބޭނެ ރަށްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް ނިސްޓްރީން ބުނެފައިވެއެވެ.
ހައިޑްރޯފޯނިކްސް ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުގެ އާއްމު އިއުލާން ބައިން ލިބެން ހުންނާނެއެވެ. މި ޕްރޮގްރާމައް ހުށައެޅުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 7 ވަނަ ދުވަހުގެ 14:00ގެ ކުރިއެވެ.