ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ލިބުމަކީ މުހިންމު ކަމެއް ނޫން ކަމަށް އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްގެ ތާއީދާއެކު ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އިބްރާހިމް ޒިޔަތު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ދިނުން ވަކި މުހިންމު ނޫން ކަމަށާއި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުނަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ކަމަށެވެ.
"ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ އޮތުން މުހިންމެއް ނޫން އެހެން ނަމަވެސް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ މެމްބަރުނަށް މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރުން ބޭނުންފުޅުވާ ކަންކަން ކުރުމަށް މަގު ފަހުވެގެންދާނެ،" މައުމޫން ވިދާޅުވިއެވެ.
ރައީސް މައޫމޫން ވިދާޅުވީ ބޭނުންފުޅުވަނީ ރައްޔިތުން ބާރުވެރިކުރުމަށް ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ ބާރު ލިބި، މަޖިލީހުގެ މެމްބަރުން ޒިންމާދާރު ކަމާއެކު މަސައްކަތްކޮށްގެން ކަމަށެވެ.
އެމްއާރުއެމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ހުރިހާ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވަނީ ކަންކަން އިސްލާހުކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ހުރިހާ ދާއިރާތަކަށްވެސް އިންތިހާބުވުމަށް ބޭނުންފުޅުވަނީ ގައުމަށް އިހްލާސްތެރި މެމްބަރުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ވަކި ފަރާތަކުން ފޮނުވާ ބިލެއް މަޖިލީހުން ފާސްކުރަން ނުޖެހޭ ކަމަށާއި އެހެން ނަމަވެސް އެ ބިލަކާމެދު ދެކޭ ގޮތް މަޖިލީހުގެ މެމްބަރުންގެ ވޯޓަކުން ހާމަކުރެވެން ޖެހޭނެ ކަމަށެވެ.
މަޖިލީހަށް މެމްބަރުން ހާޒިރުވެވަޑައިގެން މަޖިލީހުގެ ވޯޓުތަކުގައި ބައިވެރިވަޑައިނުގެންނެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.