އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެއްމަސް ދުވަހަށް ސައީދު ފުރަތަމަ ސަސްޕެންޑްކުރީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހެވެ.
މިމައްސަލައާ ގުޅިގެން ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވީ އެއްމަސް ދުވަސް ހަމަވިފަހުން އިތުރު އެއް މަހަށް ސައީދު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، އެ މިނިސްޓްރީގެ ސިވިލް ސާވެންޓުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އެހެން ބޭފުޅަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު ސަސްޕެންޑް ކުރީ އޭނާ އާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސައީދުއާ ދެކޮޅަށް އެޑިއުކޭޝަން މިނިސްޓަރު ހުށަހެޅުއްވި ކޮށް މައްސަލައެއްކަން އަދިވަނީ ސާފުވާ ގޮތް ނުވެފައެވެ. އަދި މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސައީދަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބޭފުޅެކެވެ. އޭނާ ޑިއުކޭޝަނުގެ ޕީއެސް އަކަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ އޭގެ ކުރިން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ މިނިސްޓްރީއެއްގައި ވެސް ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް ވެރިޔާއެވެ.