ޕާކިސްތާނުގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރު މަތިން އުދުހެނިކޮށް ވައްޓާލި އިންޑިއާގެ ޖެޓު ދުއްވަން އިން ޕައިލެޓް ދޫކޮށްލަން ޕާކިސްތާނުން ނިންމައިފިއެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޙާން ވިދާޅުވީ، ހައްޔަރު ކުރެވުނު ޕައިލެޓު ދޫކޮށްލަން ޕާކިސްތާނުން ނިންމީ ސުލްހަވާން ޕާކިސްތާނުން ބޭނުންވާ ކަމުގެ ނިޝާނެއްގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ފޯނުން މުއާމަލާތް ކުރައްވަން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވެފައިވާ ކަމަށް އިމްރާން ހާން ވިދާޅުވިއެވެ. މޯދީއާ މުއާމަލާތް ކުރައްވަން މަސައްކަތް ކުރެއްވީ ޕާކިސްތަނުން އިތުރަށް މަޝްރަހު ހޫނުކުރަން ބޭނުންނުވާ ކަން ސާފުކޮށްދެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕައިލެޓް ހައްޔަރުކުރި މައްސަލައައިގައި އިންޑިއާއިން ވަނީ އޭނާ ވަގުތުން ދޫކޮށްލަން ގޮވާލާފައެވެ. އަދި ޕާކިސްތާނުން އޭނާ ހައްޔަރުކޮށްގެން މަޝްވަރާތަކުގައި ކުރިއެރުމެއް ލިބޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށް އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންތަކަކާއި ހަވާލާދީ އެ ގައުމުގެ ޓީވީ ޗެނަލެއް ކަމުގައިވާ އެންޑީޓީވީއިން ވަނީ ރިޕޯޓްކޮށްފައެވެ.
ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާގެ ޖެޓު ވައްޓާލީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދީ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދަށް ވަނުމުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ދެ ގައުމުން ވެސް މަޝްވަރާ އިސްކުރުމަށް ދުނިޔޭގެ ބާރުތަކުންނާއި ދެ ގައުމާއި ގާތް ގުޅުމެއް ބާއްވާ ގައުމުތަކުން ވަނީ ބުނެފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ވެސް ވަނީ ހަނގުރާމައިގައި އެއްވެސް ފަރާތެއް މޮޅުނުވާނެ ކަމަށް ބުނެ އިންޑިއާގެ ބޮޑުވަޒީރަށް މަޝްވަރާގެ މޭޒައް ދައުވަތު އަރުވާފައެވެ. މިހާތަނަށް އިންޑިއާއިން މިކަންކަމަށް ދީފައި ވަނީ ބީރު ކަންފަތެކެވެ.
ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައޭޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.