ރަށް ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި، އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.
ނައިބް ރައީސް ފައިސަލް މިހެން އެދިވަޑައިގެންނެވީ ތ.ހިރިލަންދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ނައިބް ރައީސް ފައިސަލް ވިދާޅުވީ އިޖުތިމާއީ އަދި ތަރައްގީގެ ރޮނގުން ކައުންސިލްތަކަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިދާނެ ކަމަށެވެ.
އެގޮތުން، ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ނައިބް ރައީސް ފައިސަލް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން އެރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރުމަށާއި، އެކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ނައިބް ރައީސް ފައިސަލް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށް އެދޭ ކަމަށެވެ. އަދި ތަރައްގީއަށް ކުރެވޭ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ކައުންސިލުން ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ހިރިލަންދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވާ އެރަށުގެ ކައުންސިލުން ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި، ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ބަނދަރު ބައްތި ނުޖަހާތީ ދިމާވަމުންދާ ދަތިތަކާއި، މަސްވެރިންނަށް އިތުރު ކަނދުފައްޗެއް ބޭނުންވާކަން ހާމަކުރައްވައި ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓުގެ މައްސަލަ ހިއްސާ ކޮށްފައެވެ. އަދި ކައުންސިލުން އެރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތާއި ރަށުގެ ކުރިއެރުމަށް ހުރި ދަތިތައް ވަނީ ވެސް ނައިބް ރައީސްއާ ހިއްސާ ކުރައްވައިފައެވެ.
މީގެ އިތުރުން މެންބަރުން ވަނީ ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ވަސީލަތްތައް ނެތުމުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާ ކުރައްވައިފައެވެ. އަދި ރަށުގެ ބޭސްފިހާރައިން ބޭސް ލިބެން ނުހުންނަ މައްސަލަ ވެސް ނައިބް ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
މިބައްދަލުވުމުގައި، ނައިބް ރައީސްވަނީ ހިރިލަންދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެއްވެސް ރަށެއް ތަރައްޤީގެ ލިސްޓުން ބާކީ ނުވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.