ސައޫދީ އަރަބިޔާގެ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން، އެގައުމުގެ އިސް ވަފުދެއް ބުދަ ދުވަހު ރާއްޖެ ވަޑައިގެންފިއެވެ.
މި ވަފުދުގައި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރގެ ނާއިބު ވެސް ހިމެނިވަޑައިގަންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ދަތުރުގެ އަމާޒަކީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މިސްކިތްތައް އެޅުމާއި މަރާމާތު ކުރުމާއި، ހަރުކަށި ފިކުރުތަކުން ރާއްޖޭގެ މުޖްތަމަޢު ސަލާމަތް ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި މީގެ އިތުރުން ދީނަށް ހުރި ތަފާތު ގޮންޖެހުން ތަކަށް ހައްލު ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތް ދެއަހަރު ތެރޭގައި ޢަމަލީ ގޮތުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭ އެއްބަސްވުމެއްގައި ދެފަރާތުން ވަނީ ސޮއި ކޮށްފައެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެެވެ.
ރާއްޖެއަށް މި ވަފުދު ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާޗް މަހުގެ ތިން ވަނަ ދުވަހުއެވެ.