ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 17:16
އެފްއޭއެމް ކޮންގްރެސްގެ ތެރެއިން
އެފްއޭއެމް ކޮންގްރެސްގެ ތެރެއިން
މިހާރު
އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް
އެފްއޭއެމްގެ އެއްބާރުލުން ނުލިބުމުން، ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަނީ!
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ހުށަހެޅީ ފެބްރުއަރީ 10 ވަނަ ދުވަހު
އެފްއޭއެމުން ވަނީ ފީފާގެ ލަފަޔާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބާއްވަން ނިންމާފައި
އަސާސީ ގަވައިދު ބުނާގޮތުން ސޮއިކުރި ކްލަބްތަކަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭނެ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ އިދާރާގެ އަސާސީ ގަވައިދާ ހިލާފުވުމުން، ކްލަބްތަކުން އަމިއްލައަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމައިފިއެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާގޮތުން އެފްއޭއެމްގެ ފުރިހަމަ މެމްބަރ ކްލަބްތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކޮންމެ ވަގުތަކު ވެސް އެދެވޭނެއެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެދޭތާ 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަކީ މަޖުބޫރު ކަމެކެވެ.

އެގޮތުން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކްލަބުން 15 ކްލަބެއްގެ ސޮޔާއެކު ހުށަހެޅި ނަމަވެސް އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެފްއޭއެމުން ބާއްވާފައެއް ނުވެއެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެފްއޭއެމްއަށް ވިކްޓްރީން ހުށަހެޅި ސިޓީގެ ޖަވާބުގައި އެފްއޭއެމްއިން ބުނީ، ސިޓީގައި ސޮއިކުރި 15 ކްލަބްގެ ތެރެއިން ދެ ކްލަބަކަށް ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންނުވާ ކަމަށެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ

މީގެއިތުރުން އެފްއޭއެމުން ބުނީ، ސިޓީގައި ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންވާ 12 ކްލަބުގެ ތެރެއިން ހަތަރު ކްލަބަކުން އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލު ކުރުމަށް ކަމަށް ބުނެ، ވަކި ބައެއްގެ ލާބަ އާއި މަންފާއަށްޓަކައި ގާނޫނާއި ހިލާފް އެންމެހައި މަސައްކަތްތަކުގައި ބައިވެރިނުވާނެ ކަމަށާއި، އެފަދަ އެއްވެސް ކަމެއްގެ އެ ކްލަބުތަކުގެ ބައިވެރިވުމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ސިޓީއަކުން އަރުވާފައިވާ ކަމަށެވެ.

އެގޮތުން އެފްއޭއެމުން ބުނީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށާއި، ކްލަބްތަކުން ހުށަހަޅާފައިވާ ސިޓީ އާއި ވިކްޓްރީން ހުށަހެޅި ސިޓީ ފީފާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް 12 ކްލަބެއްގެ ސޮއި ބޭނުންވާއިރު، އެފްއޭއެމްއިން ބުނާގޮތުން ސޮއިކުރުމުގެ ހައިސިއްޔަތު ނެތް ކްލަބްތަކާއި، ސޮއިތައް އަނބުރާ ނެގި ކްލަބްތަކާއެކު، ކޮންގްރެސް ބޭއްވުމަށް މިހާރު ވިކްޓްރީއަށް ލިބިފައިވަނީ އެންމެ 8 ކްލަބުގެ ސޮއެވެ.

އެފްއޭއެމްއިން މި އަހަރު ފީފާއަށް ފޮނުވި އެ އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރުން ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 21 ކްލަބެވެ. އޭގެ ތެރެއިން ނިއުރޭޑިއަންޓް ސަސްޕެންޑް ކޮށްފައި އޮތުމާއެކު، ފުރިހަމަ މެމްބަރުންގެ ގޮތުގައި އޮތީ 20 ކްލަބެވެ.

އެގޮތުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ބޭނުންވަނީ 11 ކްލަބްގެ ތާއީދެވެ. ނަމަވެސް ވިކްޓްރީން ހުށަހެޅި ސިޓީގައި ފުރިހަމަ މެމްބަރުންގެ ގޮތުގައި 12 ކްލަބެއް ވަނީ ހިމަނާފައެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު 

ނަމަވެސް ސިޓީގައި ސޮއިކުރި 12 ކްލަބުގެ ތެރެއިން ސިޓީ އަނބުރާ ނެގީ ކޮން ހަތަރު ކްލަބެއްކަން އެފްއޭއެމްއިން ހާމަކޮށްފައިނުވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުން ސިޓީގައި ސޮއިކުރި އެއްވެސް ކްލަބަކުން ސޮއި އަނބުރާ ގެންގޮސްފައެއް ނުވެއެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާގޮތުން ކަނޑައަޅާފައިވާ 14 ދުވަހުގެ ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް އެފްއޭއެމުން ނުބާއްވައިފިނަމަ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް އެދި ހުށަހެޅި ކްލަބްތަކަށް އަމިއްލައަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވިދާނެއެވެ.

އެގޮތުން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ފީފާ އަދި އޭއެފްސީގެ އެހީވެސް ހޯދޭނެކަމަށް އަސާސީ ގަވައިދުގައި ވަނީ ބަޔާން ކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިކްޓްރީގެ ޗެއާމަން ޑރ.އިބްރާހިމް ނާޝިދު ވިދާޅުވީ، ކަނޑައަޅާފައިވާ 14 ދުވަހުގެ ތެރޭގައި އެފްއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާފައިނުވާތީ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާވަން ނިންމާފައިވާ ކަމަށާއި، މިކަން އެފްއޭއެމްއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ. އަދި ފީފާ އަދި އޭއެފްސީގެ އެހީއަށް އެދިފައިވާނެ ކަމަށް ވެސް ޑރ.ނާޝިދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަސާސީ ގަވައިދު ބުނާގޮތުން ކްލަބްތަކުން އަމިއްލައަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ބާއްވާނެ ދުވަސް އަދި އެޖެންޑާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ހަތް ދުވަސް ކުރިން މެމްބަރ ކްލަބްތަކަށް ލިބެންޖެހޭނެއެވެ.

ވިކްޓްރީން މިހެން ނިންމާފައިވާއިރު، ފީފާ އާއި އޭއެފްސީގެ ޓީމެއް އާދީއްތަ އަދި ހޯމަ ދުވަހު ދިމާވެގެން އުޅޭ މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ކްލަބްތަކާ މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް