ޖަމާލުއްދީން ސްކޫލްގެ ފެއާ 2019 ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން ބުނެފިއެވެ.
މި ފެއާރގެ މަގުސަދާއި ބެހޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން އެސްކޫލުގެ އެކަޑަމިކް ކޮމެޓީގެ ޗެއަރ ޕާރސަން އަހުމަދު ސައީދު ވިދާޅުވީ މިފަދަ ފެއާރއެއް ބޭއްވުމުގެ މަގުސަދަކީ ސްކޫލުގެ އެކިއެކި ކަންކަމަށް ފައިސާ ހޯދުން ކަމަށެވެ.
އެގޮތުން ޖަމާލުއްދީން ސްކޫލަކީ ސަރުކާރުގެ ސްކޫލަކަށްވާތީ ސްކޫލުގެ ގިނަ ކަންކަމަށް ޚަރަދު ކުރަނީ ސަރުކާރުގެ ބަޖެޓުން ކަމަށްވިއަސް ސްކޫލުގެ ބައެއް ކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ބޭނުންވެއެވެ. އެހެންކަމުން މިފަހަރުގެ ފެއާރ ޚާއްސަކޮށްފައިވަނީ ސްކޫލުގައި ކުރަން ހުރި ކަންކަމުގެ ތެރެއިން ލައިބްރަރީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް ހޯދައި ދިނުމަށާއި އަދި ދަރިވަރުންނަށް އާއިލާއާއި އެކު އުފާވެރި ހިތްހަމަ ޖެހޭ ވަގުތުކޮޅެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
މި ފަހަރުގެ ފެއާގައި ތަފާތު އެކިއެކި ސްޓޯލް ތަކުގައި އެކިކަހަލަ ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ކުޅިވަރު ތަކުގެ ތެރޭގައި ބާސްކެޓް ޝޫޓިން، އެއާރ ހޮކީ، ޝޫޓިން ބޯރޑް ގޭމްސް، އެކްސް ބޮކްސް، ބަޒް ވެއަރ، ލަކީ ސްޕިން، ބީން ބޭގް ޓޮސް، މާރބްލް މޮންސްޓަރ، ހޮރޯ ކޭވް ، ލަކީ ނަމްބަރ އަދި ފޫޓް ޕޫލް ފަދަ އެތައް ކުޅިވަރު ތަކެއް ހިމެނޭކަމަށް ވެސް އެސްކޫލުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ކެންޓީނުގެ ޚިދުމަތް ދަރިވަރުންނަށް ލިބިގެންދާއިރު އަގުބޮޑެތި އިނާމްތަކެއް ވެސް ފެއާއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ލިބިގެން ދާނެކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މިފެއާ ކުރިއަށް ދާނީ ސްކޫލުގެ ހުރިހާ ދަރިވަރުންނާއި އަދި ޚާއްސަގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޓީޗަރުންނާއި އަދި ބެލެނިވެރިންނާއި މިހުރިހާ ފަރާތްތަކެއް ޝާމިލް ވާގޮތަށް ކަމަށް ސައީދު ވދާޅުވިއެވެ.
ޖަމާލުއްދީން ސްކޫލުން ގައި މިފެއަރ ކޮންމެ އަހަރަކު ވެސް ދެފަހަރަށް ބާއްވާއިރު މި ފެއާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހަވީރު 04:00 އިން ރޭގަނޑު 07:00 އަށް ކަމަށް ވެސް އެ ސްކޫލުން މައުލޫމާތު ދެއެވެ.
ޖަމާލުއްދީން ސްކޫލުގައި 2180 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދާއިރު 153 ޓީޗަރުން ކިޔަވައި ދިނުމުގައި ހަރަކާތްތެރި ވެއެވެ.
ދެ ދަންފަޅިއަށް ކިޔަވައިދެމުން ދާ މި ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ 19 ދަރިވަރަކު ކިޔަވަމުން ދާކަންވެސް ފާހަގަ ކޮށްލެވެއެވެ.
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 16ވަނަ ދުވަހެވެ.