ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން އަހްމަދު ނިހާން ހުސެއިން މަނިކު ކުރެއްވި އަހްލާގީ ފެންވަރު ދަށް އެތައް ކަމެއް މީގެ ކުރިން ވަނީ ފެނިފައި އެވެ. މި ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގެންނެވުމުގެ ކުރިން ނިހާން އުޅުއްވި ގޮތުގެ ވާހަކައެއް ނޫނެވެ.
އޭގެ ތެރެއިން 2012 ވަނަ އަހަރުގެ މާރޗް މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެރިގޭޓް މަތިން ފުންމާލައިގެން އަރިގެން ދިޔަ އަމަލު ފާހަގަކޮށްލެވެ އެވެ. އޭނާގެ އަމަލު ކިތަންމެ ސާފު ނަމަވެސް އޭނާ ވަނީ އެކަން އޮއްބާލުމަށް އެހެން ވާހަކައެއް ދައްކަވާފަ އެވެ. އޭގައި މަތިއެޅުމަށް ފަހުން ވަނީ މީޑިޔާގައި އެކި ވާހަކަތައް ހަމަ ނުޖެހުނު ނަމަވެސް ދައްކަވާފަ އެވެ. އެގޮތުން ފުލުހުންނާއި ދިމާލަށް ފުންމާލިއިރު އެ ދިމާލުގައި ބެރިކޭޑްތަކެއް ނުހުންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް އެއީ މީޑިޔާގައި އާންމުވެފައިވާ އެ ވީޑިއޯގައި ސާފުކޮން ފެންނަ މަންޒަރުން އެއީ ދޮގެއްކަން އެނގެ އެވެ. ނަމަވެސް އެ ފަހަރުވެސް އޭނާ ސާލާމަތްވި އެވެ. ސަބަބަކީ އޭގެ ދުވަސްކޮޅެއް ފަހުން އޭރުގެ ވެރިކަން ބަދަލުވެގެންދިއުމެވެ.
ނިހާންގެ ފަރާތުން ވަނީ އަންހެނުންނަށް އިހްތިރާމްކުޑަ އަދި އަހްލާގު ދަށް އެހެން ބައެއް އަމަލުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ފެނިފައި އެވެ. ފެން އަނގަޔަށް އަޅައިގެން ހުންނަވާ ކޮށިއަރާ ކަމަށް ހައްދަވާފައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ މޫނުމައްޗަށް ބުރުވާލެއްވި މަންޒަރު މީގެ ތެރެއިން ވެސް ފާހަގަކޮށްލެވެ . ބޮޑު ފިރިހެނަކު އަނގަޔަށް ފެންއަޅައިގެން މީހެއްގެ މޫނު މައްޗަށް ބުރުވާލަން ކެރޭނީ އަހްލާގީ ގޮތުން ކިހާ ވަރެއްގެ މީހަކަށް ކަން ހިތައް ގެންނަވާށެވެ. އެކަންވެސް އެ ނިމުނީ އެވެ.
ރައީސް ޔާމިންގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގުމުގައި ނިހާން އަށް ކުރެވޭ ތުހްމަތު ކުޑައެއް ނޫނެނެވެ. ކުރީގެ އަގުބޮޑެތި ހަދިޔާއާއި އުޅުއްވަން ލިބުނު ފްލެޓަކީ އެއްވެސް ކަމަކާ ނުލާ ލިބުނު ހަދިޔާ އާއި ހަލާލު މުދާ ކަމަށް މީހުނަށް ހީވެ ގާނޫނުގެ ކުރިމަތީ އޭނާ އެ ހުންނެވީ ސަލާމަތުންނެވެ.
ފަސް އަހަރު ސަރުކާރު ހިންގައި ޕާޓީގައި އިސްކޮން ހުންނެވުމަށް ފަހު ޕީޕީއެމް އަކީ އިދިކޮޅު ޕާޓީއަށް ބަދަލުވިތާ އަދި މި އުޅެނީ މާގިނަ ދުވަހެއް ނުވެ އެވެ. ނަމަވެސް ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި މިވަނީ އަނެއްކާ ވެސް ނިހާންގެ އަސްލު ސިފަ ފެނިފައި އެވެ. މި ފަހަރު ނިހާން ފަރާތުން ފެނުނީ މީގެ ކުރިން ޕާޓީގެ އިސް މަގާމެއްގައި ހުންނެވި އަދި މަޖިލިސް މެމްބަރެއްގެ ފަރާތުން ފެނިފައިނުވާ ފަދަ ކަމެކެވެ. އެއީ ފުލުހުން ދުއްވަމުން ދިޔަ ވެހިކަލެއްގެ ފުރޮޅުދަށަށް ބޮޑު ގަލެއް ލެއްވުމެވެ. ސުވާލަކީ މި ފަހަރުވެސް ނިހާން އަށް ސަލާމަތްވެވިދާނެ ތޯ އެވެ.
ނިހާންގެ އެ އަމަލު ފެތެނީ ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސް އެޅުމާއި ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅުމެވެ. ނަމަވެސް މީގެ ކުރިއެކޭ އެއްގޮތަށް މި ފަހަރު ވެސް ނިހާން ވަނީ އެ އަމަލުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާފައި އެވެ. ފުލުހުން އޭނާގެ ބަޔާން ނަގާފައިވާއިރު ނިހާން މިހާރު އެ ކަން ސިފަ ކޮށްދޭން ބޭނުންވަނީ މަގުމަތީގައި އޮތް ގާގަނޑެއް އެއްފަރާތް ކޮށްލަން ކޮށްލެއްވި ކަމެއްގެ ގޮތުގައި އެވެ. ނަމަވެސް އެކަން އެގޮތަށް ދެއްކޭނެ ވަރަށް ވުރެ މަންޒަރު ސާފެ އެވެ. ފުލުހުންގެ ވެހިކަލް އޮތީ މަގު މެދުގަ އެވެ. ގާގަނޑު އޮތީ މަގުގެ އެއް ފަރާތުގައި އެވެ. މަގުގެ އެއް ފަރާތުގައި އޮތް ގާގަނޑު ނަގައިގެން ނޭނގޭ ގޮތަށް އައިސް ފުލުހުންގެ ވެހިކަލްގެ ފުރޮޅު ދަށަށް ލާތަން ސާފުކޮށް ފެނެ އެވެ. އަދި އެއަށް ފަހު ނޭނގޭ ގޮތަށް މުޒާހަރާގެ އެހެން މީހުންގެ ތެރެއަށް ވަދެވަޑައިގެން މުޒާހަރާގައި ގެންގުޅުނު ފޮތިގަނޑެއްގެ ދަށަށް ވެންނެވި ނަމަވެސް އެ ވީޑިއޯއިން ނިހާންކަން ސާފުވެ އެވެ.
މިހާރު އެ އަމަލާ ބެހޭ ގޮތުން ނިހާން ނޫސްވެރިން ކުރިމަތީ މާ ބޮޑު އެއްޗެއް ވިދާޅުވާން ޖެހިލުންވިއަސް އަދި އެކަން ކުރެއްވީ ހެޔޮ އަމަލެއް ކުރުމުގެ ބޭނުމުގައި ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވިއަސް ސޯޝަލް މީޑިޔާގައި ނިހާން ދައްކަވާފައިވާ ވާހަކަތަކުން އެ އަމަލަކީ ހަމަ ހަމަ ހަގީގަތުގައިވެސް ފުލުހުންގެ މަސައްކަތަށް ހުރަސް އަޅުއްވަން ކުރި ކަމެއްކަން އިއުތިރާފަކަށް ފުދެއެވެ. އެހެން ކަމުން މި މައްސަލައިގައި ފުލުހުން ނިހާންގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓާ ޖެނަރަލްއަށް ހުށައަޅައި، އެ ދައުވާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ ކުށް ނިހާންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ އޭނާއަށް ކަނޑައެޅިގެންދާނެ އަދަބަކީ ޖަލު ހުކުމެކެވެ. ގާނޫނުގެ ދިގު އަތް ހުރިހާ ފަރާތްތަކަށް ފޯރާނެ ކަމަށް ބުނާ ބަހުގެ އިތުބާރު އޮންނަނީ މި ފަދަ ކަންކަމުގައި އިންސާފު ގާއިމުވާ މިންވަރުގެ މައްޗަށެވެ. އާދައިގެ މީހަކު މުޒާހަރާއަކުން އެއްލާ އަތަކުން ވެސް އެމީހާގެ މައްޗަށް ދައުވާ ކުރެވެންޏާ ޕީޖީ ގުރޫޕްގެ ލީޑަރަކު ފުލުހުންގެ ވެހިކަލްގެ ދަށަށް ގާ ގަނޑެއް ލުމަކީ ވެސް ކުށަކަށްވާން ޖެހެ އެވެ.