ދުއްވާތަކެތި ކަފިހި ހުރަހަށް މަޑުކުރުމުގެ އާދަ އަށަގެންނެވުމަށްޓަކައި ފުލުހުން ކަފިހި ހުރަސްތައް ބަލަހައްޓަން ފަށައިފިއެވެ.
އެކަމާގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު ވިދާޅުވީ، 25 ފެބްރުއަރީން ފެށިގެން ސްޓިކަރ ޖަހަން ފަށާފައިވާއިރު، މަގުތަކުގެ ކަފިހި ހުރަސްތައް ވެސް ބަލަހައްޓަން ފަށާފައިވާ ކަމަށާއި، އެކަން ކުރަން ފަށާފައިވަނީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ޤާއިިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމަށެވެ.
މާލޭގެ ބޮޑެތި މަގުތަކާއި، ބާރުބޮޑު ސަރަހައްދުތަކުގެ ކަފިހި ހުރަސްތައް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ޑެޕިއުޓީ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ޝަހީމް ވިދާޅުވީ، މަގުތަކުގެ ކަފިހި ހުރަސްތައް ބެލެހެއްޓުމުގައި އެންމެ ފާހަގަކުރެވޭ މައްސަލައަކީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށާއި، އެކަމުގައި ދުއްވާ މީހުންނާއި ހިނގާ މީހުންގެ އިހުމާލު ވެސް އޮންނަ ކަމަށެވެ.
" ހިނގާ މީހުންގެ މައްސަލަ ވެސް ފާހަގަކުރެވޭ. ދެން އެނގިލައްވާނެ މީ ވަރަށް ޓެކްނޮލޮޖީ ޒަމާނެއް، ފާހަގަކުރެވޭ ހިނގާ މީހުން ވެސް ފޯނަށް ބަލަމުން ހިނގާތަން އެއްވެސް ވަރަކަށް މަގަށް ބެލުމެއްނެތި. ފޯނުން ޗެޓް ކުރަމުންދާތަން ވެސް ފެނޭ. އަދި ހިނގަމުން ކުއްލިއަކަށް ހަމަ މަގަށް ނުބަލާ ކަފިހި ހުރަހުން ހުރަސްކުރާކަން ފާހަގަ ކުރެވޭ. ދެން އެކްސިޑެންޓްތައް ދިމާވާ ހަމަ އެންމެ އާންމު ސަބަބެއް ކަމަށް ފާހަގަކުރެވެނީ އޯވަރސްޕީޑްވުން، މިސާލަކަށް ޔޫޓާރން ނަގަން ނުޖެހޭ ތަންތަނަށް ނަގާކަން ވެސް ފާހަގަކުރެވޭ"
ޝަހީމް ވިދާޅުވީ، ހިނގާ މީހުން ވެސް ފޯނާކުޅެ ޗެޓް ކުރަމުން މަގު ހުރަސްކުރާ ކަމަށާއި، ހިނގަމުން ގޮސް މަގަށް ބެލުމެއް ނެތި ކުއްލިއަކަށް މަގު ހުރަސްކުރުމުގެ ސަބަބުން ވެސް ހިތާމަވެރި ހާދިސާތައް ކުރިމަތިވެފައިވާ ކަމަށެވެ.
ދުއްވާމީހުންގެ ސަބަބުން އެކްސިޑެންޓްތައް އެންމެ އިތުރުވެފައިވާ ސަބަބަކީ އޯވަރ ސްޕީޑްވުން ކަމަށް ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ، ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާނަމަ އެކްސިޑެންޓްތައް މަދުކުރެވޭނެ ކަމަށާއި، އިތުރު ބްރިޖަކާއި ހައިވޭއެއް އައުމާއެކު ޓްރެފިކް ފުލުހުންގެ ޒިންމާތައް ވެސް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޓްރެފިކް އިތުރަށް ބަލަހައްޓައި އިންތިޒާމު ކުރުމަށް އިތުރު ވަސީލަތްތަކާއި ފުލުހުން ވެސް ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، ފުލުހުންގެ އަމާޒަކީ ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވެސް އަމާން ތަނަކަށް މަގުތައް ހެދުން ކަމަށާއި، ކަފިހި ހުރަސްތައް ބެލެހެއްޓުމުގެ އެންމެ ބޮޑު މަޤްސަދަކީ ދުއްވާ އުޅަނދު ފަހަރުތައް، ހުރަސްކުރާ މީހުންނަށް ހުއްޓުވުމުގެ އާދަ އަށަގެންނެވުން ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ކަފިހި ހުރަހަށް ހުއްޓާ ކަމަށާއި، އެކަން މަޑުން ނަމަވެސް ހައްލުވަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން، ދުއްވާތަކެއްޗާއި ހިނގާ މީހުން ވެސް މަގުމަތީގެ ޤަވާއިދުތަކާއި އުސޫލުތަކަށް ތަބާވުމަށް އިލްތިމާސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ހެދިފައިވާ ޤާނޫނުތަކަށް ބޯލަނބާނަމަ އެކްސިޑެންޓްތައް މަދުކުރެވި އަދި ލިބޭ ގެއްލުން ވެސް ކުޑަ ކުރެވޭނެ ކަމަށެވެ.
ހިނގާ މީހުންނާއި ދުއްވާ މީހުން ވެސް ކަފިހި ހުރަހުން ހުރަސް ކުރުމުގައި އިހުމާލުވާކަން ފުލުހުން ފާހަގަ ކުރައްވާފައިވާއިރު، ދާދިފަހުން މޫންލައިންޓް ހިނގުމުގެ ކަފިހި ހުރަހުން އަންހެނަކު މަގު ހުރަސްކުރަނިކޮށް، ދުއްވާފައި ދިޔަ ކާރަކުން ޖެހި ސްޕީޑްބްރޭކަރުގައި ބޯ ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލޭއެޅި ހާލު ސިރިއަސްވެފައިވެއެވެ. އޭގެ އިތުރުން ވެސް މަގުމަތީގެ އެފަދަ ހިތާމަވެރި ހާދިސާތައް ކުރިމަތިވާ މިންވަރު ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.