ހިލޭ ހެލްމެޓް ބެހުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 300 ހެލްމެޓް ހިލޭ ބަހައިފިއެވެ.
ބުރާސްފަތި ދުވަހު ޓްރާންސްޕޯރޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި 300 ހެލްމެޓް ބަހާފައިވާއިރު، ހެލްމެޓްތައް ބެހުމުގެ ކުރިން ބައިވެރިންނަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށް ގެންދާ ޚާއްސަ ކޯހެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން 2 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ކޯހުގައި ހޭލުންތެރިކުރުމާއި، އެކްސިޑެންޓެއް ވެއްޖެނަމަ އެމީހަކާއި މެދު ކަންތައް ކުރަން ޖެހޭނެ ގޮތާއި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވުމާ ގުޅޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1551339445.jpg)
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ގޮތުން މަައުލޫމާތު ފޯރުކޮށްދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ހަރަކާތްތައް އިފްތިތާހުކޮށްދެއްވަމުން ޓްރާންސްޕޯރޓް މިނިސްޓަރ ވިދާޅުވީ، ދުއްވާ ފަރާތްތަކުން ދުވެލި މަޑުކޮށް، އަމިއްލަ ރައްކާތެރި ކަމާ މެދު ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކުރިއަށްއޮތްތާނގައި އިތުރު ހެލްމެޓް ބެހުމަށް ހަމަޖެހިފައިވާއިރު، ހެލްމެޓް ބެހުމަށްޓަކައި މިނިސްޓްރީން ވަނީ ހެލްމެޓު ލިބޭ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް، އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ނަން ނޯޓްކުރަން ހުޅުވާލާފައެވެ. އަދި މިނިސްޓްރީން ބާއްވާ ތަމްރީން ސެޝަނެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް ހެލްމެޓް ލިބޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.
މާޗް 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅާ ބްރިޖް ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާއިރު، މި ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާކަންކަމުގެ ތެރޭގައި 5،000 ހެލްމެޓް ބެހުން ހިމެނެއެވެ.